ތުރުކީ ބަޣާވާތާ ގުޅިގެން، އެކަމާ ގުޅުންހުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހުންގެ އަދަދު ސޯޅަހާހާ ގާތަށް ޖެހިލައިފިއެވެ.

މިހާތަނަށް ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ސަލާމަތީ ބާރުތަކުގެ މީހުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ މީހުންނާއި، އާންމުންނެވެ.

ތުރުކީގެ ދާޚިލީ ވަޒީރު އަފްކާން އަލާ ވިދާޅުވީ، ބަޣާވާތާ ގުޅިގެން މިހާތަނަށް 15،846 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސިފައިންގެ 10،012 މީހުންނާއި، ފުލުހުންގެ 2،901 މީހުންނާއި، ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންގެ 2،167 މީހުންނެވެ.

ދާޚިލީ ވަޒީރާ ހަވާލާދީ ތުރުކީގެ މީޑިއާއިން ބުނެފައިވަނީ، ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން 8،113 މީހުން ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. ގޭބަންދަށް ބަދަލުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ސިފައިންގެ 5،266 މީހުންނާއި، ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންގެ 1،684 މީހުންނާއި، 1،019 ފުލުހުންނެވެ.

ބަޣާވާތުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 3،000 މީހުން މިހާތަނަށް ވަނީ މިނިވަންކޮށް ދޫކޮށްލާފައެވެ.

ތުރުކީ ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ދަށުން، ބަޣާވާތަށްފަހު މިހާތަނަށް ވަނީ، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ 51،322 މުވައްޒަފުން ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލާފައެވެ. އޭގެ ތެރޭގައި ގިނައީ ތައުލީމީ ދާއިރާގެ މުވައްޒަފުންނެވެ. ބަޣާވާތާ ގުޅިގެން ތައުލީމީ ދާއިރާގެ 42،767 މުވައްޒަފުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް ވެއެވެ. އޭއީ މުޅިންވެސް ޓީޗަރުންނާއި، އިދާރީ މުވައްޒަފުންނެވެ.

މީގެއިތުރުންވެސް، ސަރުކާރާއި އަމިއްލަ އެތައް ޔުނިވަރސިޓީއެއްގެ ފެކަލްޓީތަކުގެ 1،600 ޑީނުން މަގާމުން އިސްތިއުފާ ދެއްވުމަށްވެސް ސަރުކާރުން ވަނީ އަންގާފައެވެ.

ތައުލީމު އުނގަންނައިދޭ އަމިއްލަ 21،000 ތަނަކަށް ދީފައިވާ ލައިސަންސް ބާތިލްކޮށް، އެފަރާތްތައް ތައުލީމު އުނގަންނައިދިނުން މުޅިން މަނާކުރުމަށްވެސް ތުރުކީ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ތުރުކީ ސަރުކާރުގެ ބޮޑެތި ވުޒާރާތަކުގެ އެތައް ސަތޭކަ ބައެއްގެ ވަޒީފާވެސް ގެއްލިފައި ވެއެވެ.

ތުރުކީއަށް ގެންނާން އުޅުނު ބަޣާވާތުގެ އަޑީގައި ހުރީ، އެމެރިކާއަށް އަމިއްލައަށް އަރުވާލެވިގެން ހުރި ދީނީ އިލްމުވެރިޔާ މުހަންމަދު ފަތުހުﷲ ޣުލެން ކަމަށް ތުރުކީ ސަރުކާރުން ތުހުމަތު ކުރެއެވެ. ސަރުކާރުން ބުނަމުންދަނީ، މީހުން ހައްޔަރު ކުރުމާއި، ވަޒީފާއިން ވަކިކުރުމަށް ހިންގާ އޮޕަރޭޝަނަކީ، ތުރުކީ ދައުލަތުގެ ތެރޭގައި އަޅާފައިވާ "ޣުލެންގެފަނި" މުޅިން ނެތިކޮށްލުމަށް އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށެވެ.

ބަޣާވާތަށްފަހު އެއްވެސް ހައްދެއް ނެތް މިންވަރަށް އަދި އެއްވެސް ބެލުމެއްނެތި ތުރުކީ ސަރުކާރުން އެތައްހާސް ބަޔަކު ހައްޔަރު ކުރަމުންދާ މައްސަލާގައި ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް ޔޫރަޕްގެ އިއްތިހާދު ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

އީ.ޔޫއިން ބުނެފައިވަނީ، ބަޣާވާތާ ގުޅުވައިގެން ސަރުކާރާ ދެކޮޅު ޚިޔާލުގެ މީހުން ހިފައި ހައްޔަރު ކުރުމަކީ ބަޣާވާތަށް ދެއްކޭނެ ހުއްޖަތެއް ނޫން ކަމަށެވެ. އެކަން ގަބޫލު ނުކުރެވޭނޭ ކަމަށެވެ.