މިހާރު މާލޭގައި ސަރުކާރުން ހިންގަމުންދާ އެންމެ ބޮޑު އެއް މަޝްރޫއު އަކީ މާލޭގެ ހުޅަނގު ދެކުނު ފަރާތް ހިއްކައިގެން ތަރައްގީކުރާ ސިނާއީ ސަރަހައްދު ނުވަތަ އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތެވެ.

ދައުލަތުގެ ބަޖެޓުން 159 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހަދާ އިންޑަސްޓްރިއަލް ވިލެޖު ނުވަތަ ސިނާއީ ސަރަހައްދު މިއަހަރުގެ މިނިވަން ދުވަހު ނުވަތަ ޖުލައި 26 ގައި ހުޅުވާނެކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ސިނާއީ ސަރަހައްދާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއިއްޒު އޭރު ވިދާޅުވީ ފެހި ގަސްތަކާއެކު ސިނާއީ ސަރަހައްދު ތަރައްގީ ކުރަން ސަރުކާރު އަމާޒު ހިފާފައިވާ ކަމަށާއި، އެ ސަރަހައްދު މިނިވަން ދުވަހު ހުޅުވާނެކަމަށެވެ.

"އިންޑަސްޓްރިއަލް ވިލެޖަކަށް ވަރަށްރީތި ފެހި ވިލެޖަކަށް މިތަން ވެގެންދާނެ. މިތަން ހުޅުވޭއިރުގަވެސް އިރާދަކުރެއްވިއްޔާ މިތާނގަ ހުންނާނެ ފެހިކަން. ގަސްތައް ހެއްދިފަ ހުންނާނީ. އެހެންވީމަ ވަރަށް ހިތްގައިމު ޒަމާނީތަނަކަށް މިތަން ވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރުގެ މިނިވަންދުވަހު ޖުލައި 26ގަ މިތަން ހުޅުވުން. އެކަމަށްޓަކާ ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެމްޓީސީސީއާ އަޅުގަނޑުމެންނާ ގުޅިގެން ވަރަށް ހަލުވިމިނުގަ ރެއާ ދުވާލު ވަރަށް ވަރުގަދަ އަޒުމެއްގަ އެބަކުރިއަށްދޭ." ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.

ނަމަވެސް ޖުލައި 26 ފަހަނަ އަޅައި ދިޔަ އިރުވެސް ސިނާއީ ސަރަހައްދު ވަނީ މުޅިން ނިންމާ ނުލެވިފައެވެ. ކުރިން ކަނޑައެޅިފައިވާ ތާރީހަށް އެސަރަހައްދު ނުހުޅުވުނީ ކީއްވެތޯ މިއީ އާންމު ރައްޔިތުން އުފައްދަމުންދާނެ ސުވާލެކެވެ.