އުމުރުން 6 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ "ކައިވެނިކުރި" އަފްޣާނިސްތާނުގެ، އުމުރުން ދުވަސްވީ ދަންނަބޭކަލަކު މިއަދު ހައްޔަރު ކޮށްފިއެވެ.

ކުޑަ ކުއްޖާއާ ކައިވެނި ކުރުމުގެ ކުށުގައި ހައްޔަރުކުރި އުމުރުން 60 އަހަރަށްދާ މުހަންމަދު ކާރިމް ނަމަކަށްކިޔާ މީހާ މިހާރު ހުރީ، އަފްޣާނިސްތާނުގެ މެދުތެރޭ ޕްރޮވިންސެއް ކަމަށްވާ "ޣޯރް" ގެ ޖަލެއްގައި ހައްޔަރު ކޮށްފައި ކަމަށް ޚަބަރު ލިބެއެވެ.

އަފްޣާނިސްތާނު ފުލުހުން ބުނެފައިވަނީ، 6 އަހަރުގެ ކުޑަ އަންހެން ކުއްޖާގެ އާއިލާއިން، އެކުއްޖާ އޭނާއަށް "ހަދިޔާކުރީ" ކަމަށް އެމީހާ ބުނާ ކަމަށެވެ. ނަމަވެސް، އީރާނާ އިންވެގެން އޮންނަ އަފްޣާނިސްތާނުގެ ހީރަތު ޕްރޮވިންސުން ބަޔަކު އެ ކުޑަ އަންހެންކުއްޖާ ވަގަށް ނެގީކަމަށް އެ ކުއްޖާގެ އާއިލާއާ ހަވާލަދީ އޮފިޝަލުން ވިދާޅުވެއެވެ.

"މި ކުޑަ އަންހެންކުއްޖާ ވާހަކައެއް ނުދައްކާ. ތަކުރާރުކޮށް ހަމައެކަނި ބުނާ އެއްޗަކީ "މިމީހާދެކެ އަހަރެން ވަރަށް ބިރުގަނޭ" އެކަނި" ޣޯރް ޕްރޮވިންސްގެ އަންހެނުންގެ ކަންކަމާބެހޭ ޑިޕާޓްމަންޓުގެ ވެރިޔާ މައުސޫމް އަންވަރީ ބުންޏެވެ.

ކުޑަ އަންހެން ކުއްޖާ މިހާރުހުރީ ޣޯރް ޕްރޮވިންސްގެ އަންހެނުންގެ ކަންކަމާބެހޭ ޑިޕާޓްމަންޓުގެ ހިޔާވަހިކަމުގެ ދަށުގައެވެ. އަދި އެކުއްޖާގެ މައިންބަފައިން އެކުއްޖާ ބަލާ މިހާރު ޣޯރަށް ދަތުރުކުރަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.

އުމުރުން 6 އަހަރުގެ އަންހެން ކުއްޖާއާ "ކައިވެނިކުރި" މުހަންމަދު ކާރިމް ހައްޔަރުކޮށް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ތަހްގީގު ފަށާފައެވެ. "ކާރިމް މިހާރު ހުރީ ޖަލުގައި. އޭނާގެ ތަހްގީގު ފަށައިގެން ކުރިއަށް އެބަދޭ" ޣޯރް ޕްރޮވިންސްގެ ގަވަރްނަރްގެ ތަރުޖަމާނު އަބްދުލް ހައި ޚަތީބީ ވިދާޅުވިއެވެ.

ކުޑަކުދިންނާ ކައިވެނި ކުރުމަކީ އަފްޣާނިސްތާނުގައި އާންމުކޮށް ހިނގާ ކަމެއް ކަމަށާއި، އެކަން އެގައުމުގައި ބޮޑު މައްސަލައަކަށް ވެފައިވާ ކަމަށް ވެއެވެ.

އުމުރުން 6 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި، އުމުރުން ދުވަސްވީ މީހަކު ކައިވެނި ކުރި މައްސަލައެއް ޣޯރް ޕްރޮވިންސްގައި ފެންމަތިމިވީ، ހަމަ އެ ޕްރޮވިންސްގައި، އުމުރުން 14 އަހަރުގެ މާބަނޑު އަންހެން ކުއްޖެއްގެ ގައިގައި އަލިފާން ރޯކޮށް މަރާލިތާ މާގިނަ ދުވަހެއް ނުވަނީހެވެ.

މިހާދިސާގައި މަރުވި އަންހެން ކުއްޖާގެ އާއިލާއިން ބުނެފައިވަނީ، އެކުއްޖާގެ ގައިގައި އަލިފާން ރޯކޮށް މަރާލީ އޭނާގެ ފިރިމީހާގެ އާއިލާއިން ކަމަށެވެ. މިމައްސަލަ އަފްޣާނިސްތާނުގައި ވަރަށް ހޫނުވެފައިވެސް ވެއެވެ.

އަފްޣާނިސްތާނުގެ "އިންޑިޕެންޑެންޓް ހިއުމަސް ރައިޓްސް ކޮމިޝަން" ގެ ވެރިޔާ ސިމާ ސަމަރް ވިދާޅުވީ، ރައްކާތެރިކަން ނެތުމާއި، ފަގީރު ހާލަތުގެ ސަބަބުން އަފްޣާނިސްތާނުގެ ބައެއް އާއިލާތަކުން އެމީހުންގެ ދަރިން ވަރަށް ކުޑައިރު ކައިވެނި ކުރުވާ ކަމަށެވެ. އެއީ، އެކުދިން ބެލުމުގެ ޒިންމާއިން ސަލާމަތް ވުމަށް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އަފްޣާނިސްތާނުގެ ގާނޫނުތައް ބުނާގޮތުން، އަންހެން ކުއްޖަކަށް ކައިވެނި ކުރެވޭނީ އުމުރުން 16 އަހަރު ވުމުންނެވެ.

ނަމަވެސް "ސޭފް ދަ ޗިލްޑްރަން" ގެ ތަފާސްހިސާބުތައް ބުނާގޮތުން، އަފްޣާނިސްތާނުގެ އާބާދީގައި ހިމެނޭ އަންހެނުންގެ ތެރެއިން %15 އަންހެނުން ކައިވެނި ކޮށްފައިވަނީ އުމުރުން 15 އަހަރުވެސް ނުވަހީހެވެ.

"ވަރަށް ގިނަ އަންހެން ކުދިން އެހާ ކުޑައިރު ކައިވެނި ކުރުވުމުގެ ސަބަބުން ތައުލީމު އުނގެނުމުގެ ހައްގުން މަހްރޫމްވެ، އެކުދިންގެ މުސްތަގްބަލާމެދު ގޮތެއް ނިންމުމުގެ ފުރުސަތުވެސް ނުލިބޭ. މިއީ، ކުޑަކުދިންނަށް ލިބިދޭ އެންމެ އަސާސީ ހައްގުތަކަށް އަރައިގަތުން" ސޭވް ދަ ޗިލްޑްރަންއިން ބުނެފައި ވެއެވެ.