ތުރުކީއަށް ގެންނާން އުޅުނު ބަޣާވާތާ ގުޅިގެން، އެކަމުގެ ތުހުމަތުގައި މީހުން ހައްޔަރުކުރުމަކީ ޔޫރަޕްގެ އިއްތިހާދު އަދި އެމެރިކާއާ ބެހޭކަމެއް ނޫންކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ ރައީސްގެ ވަރުގަދަ ބަހުގެ ހަމަލާތައް ޔޫރަޕްގެ އިއްތިހާދަށާއި އެމެރިކާއަށް މި އަމާޒުވީ، ބަޣާވާތާ ގުޅިގެން އެއްވެސް ބެލުމެއް އަދި ހައްދެއް ނެތް މިންވަރަށް މީހުން ހައްޔަރު ކުރަމުންދާ މައްސަލާގައި ހުޅަނގުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރުމުންދާ މައްސަލާގައެވެ.

އަންކާރާގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވީ، ތުރުކީއަށް ތުހުމަތުގެ އިނގިލި ދިއްކުރުމުގެ ބަދަލުގައި، އަމިއްލަ އަމަލުތަކަށް ބެލުން މާ ރަނގަޅުވާނެ ކަމަށެވެ.

"ބައެއް މީހުން އަޅުގަނޑުމެންނަށް ނަސޭހަތް އެބަދޭ. އެމީހުން ބުނަނީ އެމީހުން ކަންބޮޑުވާ ވާހަކަ. މިއީ ކަލޭމެންނާ ބެހޭކަމެއްނޫން. ކަލޭމެންގެ އަމިއްލަ އަމަލުތަކަށް ނިކަން ބަލާބަލަ" ތުރުކީގެ ރައީސް ވިދާޅުވިއެވެ.

އުރުދުޣާންގެ ވާހަކަފުޅުގައި، ބަޣާވާތާ ގުޅިގެން ހުޅަނގުގެ ގައުމެއްގެ އެއްވެސް ގައުމެއްގެ އޮފިޝަލު ތުރުކީއަށް ޒިޔާރަތް ކުރައްވާފައި ނުވާކަން ފާހަގަ ކުރެއްވިއެވެ.

ރިޔާސީ ގަނޑުވަރުގައި ވާހަކަފުޅު ދައްކަވަމުން ތުރުކީގެ ރައީސް މިރޭވަނީ، އެމަނިކުފާނަށް ފުރައްސާރަކޮށްގެން އެކި މީސްމީހުންނާ ދެކޮޅަށް އުފުއްލަވާފައިވާ ދައުވާތަށް އަނބުރާ ގެންދަވާކަންވެސް އިޢްލާން ކުރައްވާފައެވެ. މިއީ، ހެޔޮއެދިވަޑައިގަތުމުގެ އަމަލެއްގެގޮތުގައި އަޅުއްވާ ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.

މިމަހުގެ 15 ވަނަ ދުވަހު ތުރުކީ ސިފައިންގެ ބަޔަކު ގެންނާން އުޅުނު ބަޣާވާތާ ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދު މިހާރު ވަނީ 18،000 އަށްވުރެ މައްޗަށް ގޮސްފައެވެ.

މިހާތަނަށް ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ސިފައިންނާއި، ފުލުހުންނާއި، ފަނޑިޔާރުންނާއި، ޝަރުއީ ދާއިރާގެ އޮފިޝަލުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި، ތައުލީމީ ދާއިރާގެ މުވައްޒަފުންނާއި، ނޫސްވެރިން ހިމެނިފައިވާއިރު، ތުރުކީ ސަރުކާރުން މިހާރު ވަނީ ވިޔަފާރިވެރިންނާ ދިމާއަށް ގޮސްފައެވެ.

އެގޮތުން، ތުރުކީގައި ވަރަށް މަޝްހޫރު 3 ވިޔަފާރިވެރިޔަކު އިއްޔެ ހައްޔަރު ކޮށްފައިވާއިރު، އިތުރު ވިޔަފާރިވެރިން ހައްޔަރު ކުރުމާ ދިމާއަށް މިހާރު ވަނީ އަމާޒު ހިފާފައެވެ. އަދި ބަޣާވާތާ ގުޅިގެން މީހުން ހައްޔަރުކުރުން އިތުރަށް ފުޅާކުރުމަށްވެސް ތުރުކީން މިހާރު ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން ޔޫރަޕްގެ އިއްތިހާދު ފުޅާކުރުމުގެ މަޝްވަރާތަކާބެހޭ ކޮމިޝަނަރ ވަނީ، މީހުން ހައްޔަރުކުރުމުގައި ގާނޫނީ އިމުގެ ބޭރުން ތުރުކީ ހަރަކާތްތެރި ވެއްޖެނަމަ އީ.ޔޫގެ މެމްބަރުކަން ތުރުކީއަށް ދިނުމުގެ މަޝްވަރާތައް ގަނޑުކޮށްލައްވާނެ ކަމަށް ވިދާޅުވެ އިންޒާރު ކުރައްވާފައެވެ.