އިންޑިއާގެ އުތުރުއިރުމަތީ ސްޓޭޓެއް ކަމަށްވާ މަނީޕޫރުގެ ޖަލެއްގައި ހިނގި ތަޅާފޮޅުމެއްގައި ސައުދީ އަރަބިއްޔާގެ ދެ ރައްޔިތުން މަރާލައިފިއެވެ.

ޖަލުގައި ހިނގި ތަޅާފޮޅުމުގައި ސައުދީ ދެ ރައްޔިތުން މަރާލުމުގެ އިތުރުން، އިންޑިއާގެ ރައްޔިތަކުވެސް މަރުވެފައި ވެއެވެ.

މިހާދިސާ ހިނގާފައިވަނީ، މަނީޕޫރުގެ ވެރިރަށް އިމްޕާލްގައި ހުންނަ މަރުކަޒީ ޖަލުގައި ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

"ސައުދީ އަރަބިއްޔާގެ ދެ ގައިދީން، އެމީހުން ތިބި ގޮޅީގައި އޮތް އެހެން ގައިދީއަކު މަރާލީ. އެ ޚަބަރު ލިބިގެން އެހެން ގައިދީން ރުޅިއައިސްގެން ސައުދީ ދެމީހުންނަށް ހަމަލާދީ މަރާލީ" މަނީޕޫރުގެ އެޑިޝަނަލް ޑިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ޕީ ޑޮންގެލް ވިދާޅުވިއެވެ.

ޖަލުގައި މަރާލި ސައުދީ ދެ ރައްޔިތުންނަކީ ސުޝަކް ޔޫސުފް އަހްމަދާއި، އަބްދުއް ސަލާމް ނަމަކަށް ކިއުނު ދެމީހުން ކަމަށާއި، އެމީހުންނަކީ 2013 ވަނަ އަހަރު ސައްހަނޫން ލިޔެކިއުންތަކުގައި އިންޑިއާއަށް އެތެރެ ވުމުގެ ކުށުގައި ހައްޔަރުކޮށް، ޝަރީއަތް ހިނގަމުންދާ ދެމީހުން ކަމަށް ވެއެވެ.

މިހާދިސާއާ ގުޅިގެން، ސައުދީ ދެ ރައްޔިތުން މަރުވި ސަބަބާގުޅޭ ރިޕޯޓެއް ދިނުމަށް ސައުދީ ސަރުކާރުން އިންޑިއާގެ ހޯމް މިނިސްޓްރީގެ ކިބައިން މިހާރު އެދިފައިވާ ކަމަށް އިންޑިއާ ފުލުހުންގެ މަސްދަރަކުން ހާމަކޮށްފައި ވެއެވެ.

ޖަލުގައި ހިނގި ތަޅާފޮޅުން ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭގައި ދެގާރޑުންނާއި، އިތުރު އޮފިޝަލަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.