ތުރުކީ ސަރުކާރު އިންގިލާބު ކޮށްލަން ގެންނާން އުޅުނު ބަޣާވާތާ ގުޅުންވާކަމަށް ތުހުމަތުކޮށް ދެކެވޭ ވާހަކަތައް، މެދުއިރުމަތީގައި އޮންނަ އެމެރިކާ ސިފައިންގެ ފައުޖުގެ ކޮމާންޑަރ ޖެނެރަލް ޖޯސެފް ވޮޓެލް ދޮގު ކުރައްވައިފިއެވެ.

ޖެނެރަލް ޖޯސެފް ވޮޓެލް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ތުރުކީ ބަޣާވާތާއި އޭނާއާއި އެއްވެސް ސިފައެއްގައި ގުޅުމެއް ނުވާ ކަމަށާއި، އޭނާއާއި ދެކޮޅަށް ކުރެވޭ ތުހުމަތުތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.

ތުހުމަތެއްގައި ވިޔަސް، އެމެރިކާގެ އަސްކަރިއްޔާގެ އެންމެ އިސް ވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު މިފަދަ ބަޔާނެއް ނެރުއްވުމަކީވެސް އާދަޔާ ޚިލާފް ކަމެއް ކަމަށް މީޑިއާއިން ބުނެއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އިއްޔެވަނީ، ތުރުކީ ސަރުކާރު ވައްޓާލަން ސިފައިންގެ ބަޔަކު ގެންނާން އުޅުނު ބަޣާވާތާއި، މެދުއިރުމަތީގައި އޮންނަ އެމެރިކާ ސިފައިންގެ ފައުޖުގެ ކޮމާންޑަރާއި ސީދާ ގުޅުންވާކަމަށް ވިދާޅުވެފައެވެ.

ރައީސް އުރުދުޣާންގެ މިތުހުމަތުތައް ވައިޓްހައުސްއިން ވަނީ ވަގުތުން ދޮގު ކޮށްފައެވެ. ވައިޓް ހައުސްގެ ތަރުޖަމާނު އެރިކް ޝުލްޒް ވިދާޅުވީ، އުރުދުޣާންގެ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"ރައީސް އޮބާމާ ދެކެވަޑައިގަންނަވަނީ އުރުދުޣާންއަކީ އެމެރިކާގެ ގާތް އެކުވެރި ބޭފުޅެއްގެގޮތުގައި. ރައީސް ޚާރިޖީ ކަންކަމުގައި އިސްކަންދެއްވާ ވަރަށް ގިނަ މައްސަލަތަކުގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ ގުޅިގެން. އޭގެ ތެރޭގައި، އައި.އެސްއާ ދެކޮޅަށް ކުރެވޭ ހަނގުރާމަވެސް ހިމެނޭ" ވައިޓްހައުސްގެ ތަރުޖަމާނު ވިދާޅުވިއެވެ.

އެމެރިކާއިން، އިރާގު އަދި ސޫރިޔާގައި އައި.އެސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، މެދުއިރުމަތިން އެމެރިކާއަށް އެންމެ ބޮޑު މަދަދެއް ދެމުންގެންދާ ގައުމަކީ ތުރުކީއެވެ. ނަމަވެސް، ތުރުކީއަށް ގެންނާން އުޅުނު ބަޣާވާތާ ގުޅިގެން ދެގައުމުގެ ގުޅުމުގައި ވަނީ މައްސަލަ ޖެހިފައެވެ.

މައްސަލަ ޖެހުނު ކަންކަމުގެ ތެރޭގައި، ބަޣާވާތުގެ އަޑީގައި ހުރިކަމަށް ތުރުކީން ތުހުމަތުކުރާ، އެމެރިކާގައި ދިރިއުޅޭ ފަތުހުﷲ ޣުލެން ތުރުކީއާ ހަވާލުކުރުމަށް އެމެރިކާއިން ފަސްޖެހުންވެސް ހިމެނެއެވެ.

އަނެއްކޮޅުން، މެދިރުމަތީގައި އޮންނަ އެމެރިކާގެ އަސްކަރީ ފައުޖުގެ ކޮމާންޑަރާއި، ބަޣާވާތާއި ސީދާ ގުޅުންވާކަމަށް ތުރުކީގެ ރައީސް ތުހުމަތު ކުރެއްވުމަކީ ގުޅުންތައް އިތުރަށް ގޯސްވެގެން ދާނޭ ކަމެކެވެ.

ތުރުކީގެ ހާލަތުގެ ސަބަބުން، އެމެރިކާއާއި ތުރުކީއާ ދެމެދު އޮންނަ އަސްކަރީ ގުޅުންތަކަށް އަސަރުކޮށްފާނެ ކަމަށް ވިދާޅުވެ، މެދުއިރުމަތީގައި އޮންނަ އެމެރިކާގެ ފައުޖުގެ ކޮމާންޑަރ ވާހަކަފުޅު ދެއްކެވިތާ އެއް ދުވަސްފަހުން ތުރުކީގެ ރައީސް އިއްޔެ ވަނީ، ޖެނެރަލް ޖޯސެފް ވޮޓެލްގެ ވާހަކަފުޅު ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

"ބަޣާވާތް ބަލިކުރުމުން ތުރުކީ ސަރުކާރަށް ޝުކުރު އަދާކުރުމުގެ ބަދަލުގައި އެބޭފުޅާ ޖެހިވަޑައިގެންނެވީ ބަޣާވާތް ރޭވިމީހުންގެ ކޮޅަށް" އަންކާރާގައި ހުންނަ ގޮލްބަސީ އަސްކަރީ ސެންޓަރުގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން އިއްޔެ ވިދާޅުވިއެވެ.