ގެރި ކަތިލުމާއި، ގެރީގެ މަސް ކެއުމާގުޅިގެން އިންޑިއާގައި ހިނގާ ހަމަނުޖެހުންތަކާއި ދެކޮޅުވެރިކަން ހުއްޓުވުމަށް ސަރުކާރުގެ ތެރެއިން ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަށް އެމެރިކާއިން އިންޑިއާއަށް ގޮވާލައިފިއެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ޖޯން ކާރބީ ވިދާޅުވީ، ގެރި ކަތިލުމުގެ މައްސަލާގައި އިންޑިއާގައި ހިނގާ ހަމަނުޖެހުންތައް އިތުރުވަމުން އަންނަ އައުމަކީ އެމެރިކާ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން، މިފަދަ މައްސަލަތައް އުޅޭ އެހެން ގައުމުތަކުގެ ކިބައިންވެސް އެމެރިކާ އެދޭ ބީދައިން، މިމައްސަލާގައި ހިނގާ ހަމަނުޖެހުންތައް ހުއްޓުވުމަށް ސަރުކާރުގެ ބާރުން އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ޚާރިޖިއްޔާގެ ތަރުޖަމާނު އިންޑިއާ ސަރުކާރަށް ގޮވާލައްވާފައި ވެއެވެ.

"ހަމަނުޖެހުންތައް ހުއްޓުވައި، ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތްކޮށް، އެފަދަ ހަމަނުޖެހުންތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޟިރުކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރުމަށް އިންޑިއާ ސަރުކާރަށް ގޮވާލަން" ކާރބީ ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު މިމޭރުމުން ވާހަކަފުޅު ދެއްކެވީ، ގެރިމަސް ކެއުމާއިގުޅިގެން މީހުންނަށް ހަމަލާ ދިނުމާއި، މީގޮނުގެ މަސްތަކެއް ގެންގުޅުނު މުސްލިމް ދެ އަންހެނެއްގެ ގައިގައި މަދިޔަ ޕްރަދޭޝްގައި ބަޔަކު ތަޅައި އަނިޔާކުރި މައްސަލާގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ޚާރިޖިއްޔާގެ ތަރުޖަމާނު ޖޯން ކާރބީ ވިދާޅުވީ، އެމެރިކާ އޮތީ އިންޑިއާ ސަރުކާރާއި އަދި އިންޑިއާ ރައްޔިތުންނާ އެކުގައި ކަމަށާއި، ހަމަނުޖެހުންތައް ނައްތާލައި، މިނިވަންކަމާއެކު ދީނަށް އުޅެވޭނެ މުޖުތަމައަކަށް އިންޑިއާ ހެދުމުގައި އެމެރިކާގެ ފުރިހަމަ ތާއީދު އިންޑިއާއަށް އަބަދުވެސް ލިބޭނޭ ކަމަށެވެ.

ހިންދޫންގެ އަޣުލަބިއްޔަތު އޮންނަ އިންޑިއާގައި، ގެރި ކަތިލުމާއި، ގެރީގެ މަސް ކެއުމުގެ ތުހުމަތުގައި ކޮންމެ ދުވަހަކު އެތައް ބަޔަކަށް ހަމަލާތައް ދެއެވެ. އަދި މީހުން މެރުންވެސް އާންމު ކަމަކަށް ވެފައި ވެއެވެ. އެންމެ ގިނަ ހަމަލާތައް އަމާޒުވަނީ މުސްލިމުންނަށެވެ.

މަދިޔަ ޕްރަދޭޝްގެ ރޭލު ސްޓޭޝަނެއްގައި މީގޮނުގެ މަސް ވިއްކާންތިބި މުސްލިމް ދެ އަންހެނެއްގެ ގައިގައި ހިންދޫ އަންހެނުންގެ ބަޔަކު ތަޅައިގަނެ މިދިޔަ ހަފްތާގައި އަނިޔާކުރި މައްސަލަ ފެންމަތިވިއިރު، އިންޑިއާގައި އެންމެ ނިކަމެތި ދަރަޖަދެވިފައި އޮންނަ ދާލިތު ދަރިކޮޅުގެ ޒުވާން ކުދިންތަކެއް، މަރުވެފައިވާ ގެރިއެއްގެ ހަންދެމި މައްސަލާގައި އެކުދިންނަށްވެސް ބަޔަކު ހަމަލާދީ މާރާމާރީ ހިންގި މައްސަލަވެސް ވަރަށް ހޫނުވެފައި ވެއެވެ.