އިސްރާއީލާ ދެކޮޅަށް މަސައްކަތްކުރާ ގްރޫޕްތަކަށް ޔޫރަޕުން ތާއީދުކުރާތީ، އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫ އެކަން ކުށްވެރި ކޮށްފިއެވެ.

އިސްރާއީލާ ދެކޮޅަށް ހަރަކާތްތެރިވާ ޖަމާއަތްތަކާއި، ގްރޫޕްތަކަށް ޔޫރަޕުގެ ގައުމުތަކުން ކުރާ ތާއީދުގެ މައްސަލަ ދެނެގަތުމަށް، އިސްރާއީލު ސަރުކާރުން އެކުލަވާލި ކޮމިޓީއަކުން ހޯދި ހޯދުންތަކުގެ މައްޗަށް މިއަދު އޮތް ކެބިނެޓްގެ ޖަލްސާގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ، އިސްރާއީލާ ދެކޮޅަށް ނަފްރަތު އުފެއްދުމަށާއި، އިސްރާއީލު ބޮއިކޮޓް ކުރުމަށާއި، އިސްރާއީލަކީ ދައުލަތެއް ކަމަށް ބަލައި ނުގަތުމަށް ކެމްޕެއިން ކުރާ ޖަމާއަތްތަކަށް ޔޫރަޕުން ތާއީދުކުރާކަން އެނގިފައިވާ ކަމަށެވެ. އެގޮތުން، ޚާއްސަކޮށް ފަރަންސޭސިވިލާތުގެ ނަން ނަތަންޔާހޫ ފާހަގަކުރިއެވެ.

"މިހާރު ބަލަމުންދާ ބެލުންތައް ނިންމާލާއި، ކޮމިޓީގެ ހޯދުންތައް ފަރަންސޭސި ސަރުކާރަށް ހުށަހަޅާނަން" ނަތަންޔާހޫ ބުންޏެވެ. ނަމަވެސް، ފަރަންސޭސިވިލާތުން ތާއީދުދެނީ، އިސްރާއީލާ ދެކޮޅަށް މަސައްކަތް ކުރާ ކޮން ޖަމާއަތަކަށް ނުވަތަ ކޮން ގްރޫޕަކަށް ކަމެއް އޭނާ ނުބުނެއެވެ.

ފަލަސްތީނުގެ ރައްޔިތުންނާ މެދު އިސްރާއީލުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅު، ވާތުފިޔައިގެ މަދަނީ ޖަމްޢިއްޔާތަކަށް ބޭރުގެ ގައުމުތަކުން ތާއީދުކުރާ މައްސަލާގައި، އިސްރާއީލުގެ އޮފިޝަލުންގެ ނުރުހުން އާންމުކޮށް އެފަދަ ގައުމުތަކަށް އަމާޒުވެއެވެ.

އިސްރާއީލުގެ ސިޔާސަތުތަކަށް ދެކޮޅުހަދާ ވާތުފިޔައިގެ މަދަނީ ޖަމްއިއްޔާތަކަށް އިސްރާއީލުގެ މާލީ އެއްވެސް އެހީތެރިކަމެއް ނުލިބޭގޮތަށް އިސްރާއީލުގެ ޕާލަމެންޓުން މިޖުލައިމަހު ވަނީ ގާނޫނެއްވެސް އެކުލަވާލާފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތައް އިސްތިއުމާރު ކޮށްގެން އުޅޭތާ 50 އަހަރުވުމާ ގާތްވެފައި ވާއިރު، އިސްރާއީލު ބޮއިކޮޓް ކުރުމަށް މުޅި ދުނިޔޭގައި ދަނީ ވަރުގަދަ ހަރަކާތްތަކެއް ހިންގަމުންނެވެ. އޭގެ ނޭދެވޭ އަސަރު އިސްރާއީލަށް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށްވެސް ވެއެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު އެމެރިކާ މެދުވެރިވެގެން ބާއްވަމުންދިޔަ ސުލްހައިގެ މަޝްވަރާތައް 2014 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާއިރު، ފަރަންސޭސީން އިސްނަގައިގެން ފަލަސްތީނާއި އިސްރާއީލު ސުލްހައިގެ މޭޒު ދޮށަށް ގެނެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

ފަރަންސޭސީންގެ އިސްނެގުމަށް ފަލަސްތީނު ސަރުކާރުން ތާއީދު ދީފައި ވާއިރު، އިސްރާއީލުން ބުނަމުންދަނީ، ފަލަސްތީނާއެކު ސުލްހަވުމަށް ތިންވަނަ ފަރާތެއްގެ އެހީ ބޭނުން ނުވާ ކަމަށެވެ.

އިސްރާއީލުގެ އުދުވާނީ ބާރުތަކުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ފަލަސްތީނުގެ އަލްއަގްސާ މިސްކިތުގެ ތެރެއަށް ވަދެގަތުމާ ގުޅިގެން، ދެފަރާތުގެ ދެމެދުގައި ފެށުނު ކުރިމަތިލުންތަކާއި ހަމަނުޖެހުންތައް އަދިވެސް ހުއްޓުމަކަށް ނާދެއެވެ. އިސްރާއީލުގެ އުދުވާނީ ބާރުތަކާ ދެކޮޅަށް ބިރު ކަނޑާލައި ނުކުމެގެން އުޅެނީ ފަލަސްތީނުގެ ޒުވާނުންނެވެ.

މިކުރިމަތިލުންތަކުގައި، އިސްރާއީލުގެ ބާރުތަކުން ހަމަލާދީ ފަލަސްތީނުގެ 218 މީހުން ޝަހީދު ކޮށްލާފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ޒުވާނުންނާއި ކުޑަކުދިންނެވެ. ފަލަސްތީނު ޒުވާނުންގެ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ 34 މީހުން މަރާލާފައި ވެއެވެ.