މިހިނގާ 2016 ވަނަ އަހަރަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ސިޔާސީ މައިދާނުގައި އާދަޔާޚިލާފު ގިނަ ކަންތައްތަކެއް ހިނގަމުންދާ އަހަރެކެވެ. މިއަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، އިނގިރޭސިވިލާތުގެ ސިޔާސީ މައިދާނަށް ބޮޑެތި ބަދަލުތަކެއް ވެސް އައިސްފައި މިވަނީ މިއަހަރު ދާދީ އިހަކަށް ދުވަހު އެވެ.

ސިޔާސީ ކަންކަން ހިނގަމުންދާއިރު ބައެއް މީހުންނަށް ގަބޫލުކުރަން ދަތި އަދި ބަލައިގަންނަން އުދަގޫ ބައެއް ކަންކަން ވެސް ބައެއް ގައުމުތަކުގައި ކުރަމުން ގެންދެ އެވެ. އޭގެ އެއް ގައުމަކީ އެމެރިކާ ބައްރުގެ ނިކަރާގުއާ އެވެ. އެގައުމުގެ ރައީސް ޑެނިއަލް އޯޓޭގާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާއިރު އޭނާގެ ނައިބު ރައީސަކަށް ހަމަޖައްސާފައިވަނީ އޭނާގެ އަނބިކަނބަލުންނެވެ. މިހަބަރު ވެގެންދިޔައީ ގިނަ ބަޔަކަށް ޝައުގުވެރި ހަބަރަކަށެވެ. ނަމަވެސް ނިކަރާގުއާއި އެ ގައުމުގެ އެންމެ ބާރުގަދަ ދެމަފިރިންގެ މައުލޫމާތު ބައެއް ފަރާތްތަކަށް ސާފުވެފައި ނެތް ކަަމަށް ވެދާނެ އެވެ. އެހެންކަމުން މިލިޔުން ކިޔާލާށެވެ.

ރިޕަބްލިކް އޮފް ނިކަރާގުއާ ނުވަތަ އާއްމު ނަމުންނަމަ ނިކަރާގުއާއަކީ އުތުރު އެމެރިކާއާއި ދެކުނު އެމެރިކާ ގުޅުވައިދޭ ގައުމެވެ. ސެންޓްރަލް އެމެރިކާގެ އެންމެ ބޮޑު ގައުމު ކަމަށްވާ ނިކަރާގުއާގެ އާބާދީގައި ހަ މިލިއަން މީހުން އުޅޭއިރު، އޭގެ ތެރޭގައި ނިކަރާގުއާގެ އަސްލު ރައްޔިތުންނާއި ޔޫރަޕާއި އެފްރިކާ އަދި އޭޝިއާގެ ދަރިކޮޅުތަކުގެ މީހުން ވެސް އެގައުމުގައި އުޅެ އެވެ. މީލާދީން 16 ވަނަ ގަރުނުގައި ސްޕެއިންގެ ބާރުގެ ދަށަށް ދިއުމަށްފަހު ސްޕެއިން އަތުން ނިކަރާގުއާ މިނިވަންކަން ހޯދީ 1821ގަ އެވެ. އެއަށްފަހު ނިކަރާގުއާ ވަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި އެތައް އަހަރެއް ހޭދަކޮށްފަ އެވެ. މި ހަލަބޮލިކަމުގެ ތެރޭގައި ދުވަސްކޮޅަކު އެމެރިކާ ވެސް ނިކަރާގުއާއަށް ވެރިވަގެނެފައިވެ އެވެ. ނިކަރާގުއާގެ ސިޔާސީ ހަލަބޮލިކަން ނިމި ކުޑަވެސް ހަމަޖެހުމެއް އައީ 1970 ވަަނަ އަހަރު ހިނގި ނިކަރާގުއަން ރެވޮލިއުޝަނުގައި ވާތު ފިޔައިގެ ސަންޑިނިސްޓާ ނޭޝަނަލް ލިބަރޭޝަން ފްރަންޓުން އޭރު ވެރިކަމުގައި ހުރި ޚުދުމުހުތާރު ވެރިޔާ އަނަސްޓާސިިއޯ ސޮމޯޒާ ޑިބަޔޭލްގެ ވެރިކަން ވައްޓާލުމާ ގުޅިގެންނެވެ. އަނަސްޓާސިިއޯގެ ވެރިކަން ވައްޓާލިފަހުން ނިމިގެން ދިޔަ 40 އަހަރު ވަންދެންވެސް ނިކަރާގުއާގައި ވެރިކަން ކުރީ ސޮމޯޒާ އާއިލާގެ ވެރިކަމެވެ. ކިތަންމެ ހަލަބޮލި ސިޔާސީ މަސްރަހެއް އޮތް ނަމަވެސް، ނިކަރާގުއާއަކީ މުއްސަނދި ސަގާފަތަކާއި ތާރީހަކާއި ގުދުރަތީގޮތުން ގިނަގުނަ ރީތީ ސިފަތަކެއް ލިބިފައިވާ ޓޫރިސްޓުންގެ މެދުގައި ވެސް މަގުބޫލު މަންޒިލެކެވެ.