2007 ވަނަ އަހަރު އއ. ހިމަންދޫގައި ވަކި ޖަމާއަތް ހަދައިގެން ބަޔަކު ނަމާދުކުރަމުން ދިޔަ މައްސަލައާއި 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ސަލްޓަންޕާކު ތެރޭގައި ބޮން ގޮއްވާލި ހާދިސާއަކީ ދީނީގޮތުން ހައްދުފަހަނަޅައިދިއުމުގެ ތެރެއިން ރާއްޖޭގައި ހިނގައިދިޔަ އެންމެ ބޮޑު ދެ ހާދިސާއެވެ. މިނޫނަސް މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ޒާތުގެ ބޮޑެތި ކަންކަން ރާއްޖޭގައި ހިނގަމުން އަންނައިރު 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަތުރުފުޅު ކުރައްވަމުން ގެންދަވަނިކޮށް ރިޔާސީ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާއަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ ކަމެކެވެ. އަދި ބ. ހިބަޅިދޫއިން ހަތިޔާރު ފެނުނު މައްސަލައަކީ ވެސް ބޮޑު މައްސަލައެކެވެ.