އުރީދޫ އިން ވަރަށް ހާއްސަ އޮފާތަކާއި އެކު ސެމްސަންގް އެންމެ ފަހުގެ ސްމާޓްފޯން ކަމަށްވާ ގެލެކްސީ ނޯޓް7 ރާއްޖޭގައި ތައާރަފްކޮށްފި އެވެ.

އިއްޔެއިން ފެށިގެން އުރީދޫއިން މި ފޯނު ވިއްކަންފަށާފައިވާ އިރު، އެކުންފުނީގެ އެކްސްޕީރިއަންސް ސެންޓަރ އިން ފޯނު ބައްލަވައިގަންނަ ކޮންމެ ބޭފުޅަކަށްވެސް 128 ޖީބީގެ އެސްޑީ މެމަރީ ކާޑެއް ލިބޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، އެކުންފުނީން ޑިޖިޓަލް މޯލްޑިވްސް އަށް ދެމުންގެންދާ އެއްބާރުލުމާއި އެކު، މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖެއަށް ފަހުގެ ޓެކްނޮލޮޖީތަކާއި ވަސީލަތްތައް ގެނައުމުގެ އެންމެ ކުރީ ސަފުގައި ތިބުމަށް ކަމަށެވެ.

"ސެމްސަންގް އިން އެންމެ ފަހުން ނެރުނު ފޯނުވަނީ ރާއްޖޭގެ ގިނަބައެއްގެ މެދުގައި މަޤްބޫލުކަން ހޯދާފަ. މިގޮތުން، އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ހަމައަށް މި ފޯނު ގެނެސްދިނުމަށްޓަކައި، އަޅުގަނޑުމެންވަނީ ވަރަށް ފަސޭހަ އަދި އަގުހެޔޮ ޕެކޭޖްތަކެއް ތައާރަފްކޮށްފައި." ވިކްރަމް ސިންހަ ވިދާޅުވިއެވެ.

އުރީދޫއިން ބުނީ، މާރކެޓްގައި ލިބެންހުރި އެންމެ ރަނގަޅު އަގުގައި ސެމްސަންގް ގެލެކްސީ ނޯޓް7 ބައްލަވައިގަނެވޭއިރު، މިކުންފުނިން ތައާރަފް ކޮށްފައިވާ ޕްރީޕެއިޑް ޕްލޭން މެދުވެރިކޮށް، ބައްލަވައިގަނެވުނު ފޯން އާއި އެކު އަހަރެއްތެރޭގައި ބޭނުންކުރެވޭނެ 12 ޖީބީގެ ހިލޭ ޑޭޓާ އާއި ހިލޭ މިނިޓު ލިބިގެންދާނެ ކަމަށެވެ. މިގޮތުން ކޮންމެ މަހަކުވެސް 1 ޖީބީގެ ހިލޭ ޑޭޓާ އާއިއެކު، 100 މިނިޓުގެ ހިލޭ ކޯލް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫއިން ބުނީ، ސެމްސަންގް ގެލެކްސީ ނޯޓް 7، 64 ޖީބީ ވިއްކަމުން ދަނީ 12،899.00 ރުފިޔާއަށް ކަމަށެވެ.

ސެމްސަންގް ގެލެކްސީ ނޯޓް7 ޙިޔާރުކުރައްވަން ބޭނުންފުޅުވާ ކަސްޓަމަރުންނަށް، އުރީދޫ އިން ވަރަށް ހިތްގައިމު އިންސްޓޯލްމަންޓް ޕެކޭޖްތަކެއް ވެސް ވަނީ ތައާރަފްކޮށްފައިވެއެވެ. މީގެތެރޭގައި މަހަކު އެންމެ 890 ރުފިޔާ ދައްކަވައިގެންފޯނު ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި، މަހަކު 1،200 ރުފިޔާ ދައްކަވަންޖެހޭ 6 މަހުގެ އިންސްޓޯލްމެންޓް ޕްލޭން އެއް ހިމެނެއެވެ.މި ޕްލޭންތައް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ ނޯޓް 7 ބައްލަވައިގަނެވޭނީ އުރީދޫ ޕޯސްޓްޕެއިޑް 399 އަށް ވުރެ މަތީ ޕެކޭޖެއް ޙިޔާރުކުރަށްވާ ބޭފުޅުންނަށް ކަމަށްވެސް އެކުންފުނިން މައުލޫމާތު ދެއެވެ.