ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކަށް ފައިސާ ނުދެއްކުމުން ޖޫރިމަނާ ނަގަމުންދިޔަ އުސޫލަށް ބަދަލު ގެނެސްފި އެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މީގެ ކުރިން އަމަލުކުރަމުން ދިޔަ އުސޫލުގައިވާ ގޮތުން ފްލެޓަށް ފައިސާ ދައްކަން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކިއްޖެނަމަ ކުލީގެ ގޮތުގައި ދައްކާ ފައިސާގެ ތެރެއިން ސުމެއް ޕޮއިންޓް ސުމެއް ފަހެއް ޕަސަންޓް ފައިސާ ނުދެއްކި ލަސްވާ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި ނަގަމުންދެ އެވެ.

މިއުސޫލަށް ގެނެވުނު ބަދަލާ ގުޅިގެން ފްލެޓަށް ފައިސާ ދައްކަން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކިއްޖެނަމަ ޖޫރިމަނާގެ ގޮތުގައި ނަގަން ނިންމާފައިވަނީ ކޮންމެ މަހަކަށް އެކެއް އިންސައްތައިގެ ގޮތުގައި ކަނޑައެޅިފައި އޮންނަ ވަކި އަދަދެކެވެ.

ހުޅުމާލޭގެ ފްލެޓްތަކަށް ފައިސާ ދެއްކުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނައި ނަމަވެސް ހުޅުމާލެއިން ދޫކުރާ ފްލެޓްތަކުގެ އަގުން ނަގާ އިންޓްރަސްޓަށް ބަދަލު ގެެނެސްފައެއް ނުވެ އެވެ. ހުޅުމާލެއިން ވިއްކާ ރޯހައުސްތަކާއި ފްލެޓްތަކަށް އިންޓްރަސްޓްގެ ގޮތުގައި ނަގަނީ އަގުގެ ފަސް ޕަސެންޓާއި އަށް ޕަސަންޓާ ދެމެދުގެ އަދަދުތަކެކެވެ.

މީގެއިތުރުން އެޗްޑީސީން ވަނީ ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި ފައިސާ ދެއްކުމާއި ކުރިން އަރާފައިވާ ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމުގައިވެސް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފައި ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.

އެޗްޑީސީން ބުނީ ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކަށް ފައިސާ ދެއްކުމަށް އަލަށް އެކުލަވާލި އުސޫލުގެ ސަބަބުން ފްލެޓްތަކަށް ފައިސާ ދެއްކުމުގެ ފަސޭހަތަކެއް ލިބިގެންދާނެ ކަަމަށެެވެ. ފައިސާ ދެއްކުމުގެ އުސޫލަށް ގެނެވުނު ބަދަލަކީ އިސްލާމިކް ފައިނޭންސާ އެއްގޮތަށް ގެނެވުނު ބަދަލުތަކެއް ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކަށް ފައިސާ ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކުމުން ޖޫރިމަނާ ފައިސާ ނަގަމުންދާ އުސޫލަށް ބަދަލު ގެނައި ނަަމަވެސް ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ޗައިނާ ފްލެޓްތަކުން ޖޫރިމަނާ ފައިސާ ނެގުމުގައި މިއުސޫލުގެ ދަށުން އަމަލުކުރުމަށް ހަމަޖެހިފައެއް ނުވެ އެވެ. މިގޮތަށް ނިންމީ މި ފްލެޓްތަކަކީ ފައިސާ ދެއްކުމުގައި މިހާރުވެސް ލުއި ގޮތްތަކެއް ހަަމަޖައްސައިދީފައިވާ ފްލެޓްތަކަކަށް ވާތީ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.