ރާއްޖޭގެ ބޭންކްތަކުން ދޫކުރާ ޗެކްތައް އެއް ސައިޒަކަށް ބަދަލުކޮށް ޗެކްތަކަށް އެއް ދުވަސް ތެރޭގައި ފައިސާ ޖަމާކޮށްދޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ ބޭންކްތަކުން ދޫކުރާ ޗެކްތައް އެއް ސައިޒަކަށް އަދި އެއް ފޯމެޓަކަށް ހެދުމަށް އަންގާފައިވާ ކަަމަށާއި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި އުސޫލަށް އަމަލުކުރާނެ ކަމަށެެވެ. އަދި ޗެކްތައް އޮޓޮމެޓިކުން ކްލިއާ ކުރެވޭ ހާއްސަ ސްކޭނިން މެޝިނެއް ބޭންކްތަކުގައި ބަހައްޓާނެ ކަމަށްވެސް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ޗެކްތަކަށް ބަދަލު ގެނައުމުން ރާއްޖޭގައި ބޭނުންކުރާނީ "މައިކާ އަދި ބާކޯޑު" ޗެކްތައް ކަމަށެވެ. އަދި ވިދާޅުވީ ހުރިހާ ބޭންކްތަކުން އެއް ގޮތަކަށް ހުންނަ ޗެކްތައް ބޭނުންކުރަން ފެށުމުން ޗެކެއްގެ ދިގު މިނުގައި ހަތް އިންޗި އަދި ފުޅާ މިނުގައި 3.6 އިންޗި ހުންނާނެ ކަމަށެވެ.

އެމްއެމްއޭ އިން ބުނީ ބާކޯޑާއި މައިކްރޯ ޕްރިންޓް މަތީ ނުލިއުމާއި ސޮއި ނުކުރުމަށާއި ބާކޯޑާއި މައިކްރޯ ޕްރިންޓް މަތީ ތައްގަނޑު ނުޖެހުމަށާއި ޗެކްތައް ފަތް ނުޖެހުމާއި އަދި ޗެކްތަކަށް ހީރަސް ނުޖެހުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށެވެ. މިގޮތަށް އަމަލުކުރަން ޖެހޭ ސަބަބަކީ ޗެކްގެ ބާކޯޑާއި މައިކަ ޕްރިންޓް މަތީގައި މުހިއްމު މައުލޫމާތުތަކެއް ހުރުމުން އެތަނުގައި ލިޔެފިނަމަ ޗެކް ސްކޭން ކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

ރާއްޖޭގެ ބޭންކުތަކުން ދޫކުރާ ޗެކުތައް މިހާރު ޖަމާކުރަނީ ބޭންކްތަކުގެ އޮފިޝަލުން އެމްއެމްއޭ އަށް ގޮސް އެތަނުގައި ތިބެގެން ޗެކްތަކުން ވަކިވަކިން ހޮވައިގެން ކޮންމެ ބޭންކެއް ވަކިންނެވެ. ފައިސާ ޖަމާކުރާ ބޭންކުގެ ޗެކެއް ނޫން އެހެން ބޭންކެއްގެ ޗެކެއް ކްލިއާކޮށް ޖަމާކުރަން މިހާރު އާއްމުކޮށް ތިން ދުވަސް ނެގި ނަމަވެސް އަލަށް މި ގެންނަ ބަދަލާ ގުޅިގެން ޗެކް ކްލިއާކޮށް ޖަމާކުރުން އަވަސް ވެގެންދާނެ ކަމަށްވެސް މަރުކަޒީ ބޭންކުން ވަނީ ބުނެފަ އެވެ.