މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ދެމުންއަންނަ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ މަޤްސަދުގައި، އެ މިނިސްޓްރީން ދެމުން އަންނަ ބައެއް ޚިދުމަތްތައް އައުޓްސޯސް ކޮށް، ބިޒްނަސް ސާވިސް އެޖެންޓުންތަކެއް ހަމަޖައްސައިފި އެވެ.

އެޖެންޓުންގެ ގޮތުގައި އެހީތެރިވުމުގެ ހުއްދަ ދީފައިވަނީ ނުވަ ކުންފުންޏަކަށެވެ.

ބިޒްނަސް ސާރވިސް އެޖެންޓުންނާ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެމިނިސްޓްރީގެ މަޤްސަދެއް ކަމަށާއި، ގިނަ ގޮންޖެހުންތަކަކާއެކުވެސް މިހާރުވެސް ރައްޔިތުންނަށް ދޭންޖެހޭ ގިނަ ޚިދުމަތްތަކެއް ރައްޔިތުންނާ ގާތުން ދެމުން އަންނަ ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ކުރިއަރަމުން އަންނަ ދުނިޔޭގައި، ވިޔަފާރިތަކަށް އަންނަ ކުރިއެރުންތަކާއި ހަމަ ކުރުމުގެ ޤާބިލުކަން ދިވެހި ވިޔަފާރިތަކުގައިވެސް ހުންނަން ޖެހޭނެކަމަށާއި، މިކަން ހާސިލުވާނީ އަމިއްލަ ވިޔަފާރިތައް އަދި ޕްރައިވެޓްސެކްޓަރ ކުރިއަރުވައިގެން ކަމަށެވެ. މިގޮތުން އަމާޒަކީ ވިޔަފާރީގެ ދާއިރާ ތަރައްގީކޮށް ރާއްޖޭގެ ޒުވާނުންނަށް ވަޒީފާގެ ބާޒާރު ތިޔާގިކޮށް ދިނުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރަށް މިނިސްޓަރު ސައީދު ވިދާޅުވީ އަތޮޅުތަކުގައި ތިބި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ފޯރަމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި، މި ފޯރަމްގެ ތެރެއިން އެ އަތޮޅެއްގައި ހުރި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށެވެ.

ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ޕްރައިވެޓް ސެކްޓާރ މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖެއްސީ ވިޔަފާރިއާއި ބެހޭ ޚިދުމަތްތައް އާންމު ރައްޔިތުންނަށް ވިހާ ވެސް ފަސޭހައިން ފޯރުކޮށްދިނުމުގެ މަޤުސަދުގައި ކަމަށެވެ. އަދި ބިޒްނަސް ސާރވިސް އެޖެންޓުންގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ފަންނީ މަސައްކަތް ކުރާ މިކުންފުނިތައް ހަރަކާތްތެރިވާން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންކަމަށް ވެސް ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ މިގޮތުން 14 ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މީގެ ތެރޭގައި ވިޔަފާރި ރަޖިސްޓްރީ ކުރުމާ ބެހޭ ކަންތައްތަކާއި، ތަފާތު ލައިސެންސް އަށް އެދުމުގެ ޚިދުމަތްވެސް ފޯރުކޮށްދޭނެކަމަށް ވިސާމް ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ މިޚިދުމަތްތައް ފޯރުކޮށްދޭން ފެށުމުން ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. ގިނަ ވަގުތު މަޑުކުރަން ނުޖެހި ވަގުތު ސަލާމަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރަށް ވިސާމް ވިދާޅުވީ ރާއްޖެގެ މީހުންދިރިއުޅޭ ރަށްތަކުގެ ތެރެއިން 2000 މީހުންގެ އާބާދީ ހަމަވާ ރަށްރަށުގެ ކައުންސިލުތަކުން އެމިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ޚިދުމަތް މިހާރު ޅ އަތޮޅުގައި ދޭން ފަށާފައިވާ ކަމަށާއި، ފެށޭމަހު ހއ ގެ ރަށްތަކަށް މިޚިދުމަތް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް އަހަރެއްހައި ދުވަސްތެރޭ އިތުރު 18 ސަރަހައްދެއްގައި މި ޚިދުމަތް ފޯރުކޮށްދޭން ފެށޭނެކަމަށް ވެސް ވިސާމް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ޚިދުމަތް ފޯރުކޮށްދޭނެ ވަކި އަގެއް މިނިސްޓްރީން ކަނޑަ އަޅާފައި އަދި ނުވާކަމަށާއި، މިޚިދުމަތްތައް ފޯރުކޮށްދޭ އަގުތައް މިނިސްޓްރީގެ ވެބްސައިޓްގައި ވަރަށް އަވަހަށް ޝާއިއު ކުރެވޭނެކަމަށެވެ. މި ޚިދުމަތް ފޯރުކޮށްދޭނީ ރައްޔިތުންނަށް ދަތި ނުވާނެފަދަ އަގެއްގައި، އެބޭފުޅުންގެ ފަންނީ މަސައްކަތާ އެކަށީގެންވާ އަގެއްގައި ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.