ހއ. އުތީމުގައި 100 އެނދުގެ ހޮޓަލެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އުތީމު ކައުންސިލް އިދާރާއިން ބުނީ ހޮޓެލް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިއަށް އޮތް ސެޕްްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ކުރިން ކައުންސިލަށް ބީލަންތައް ހުށަހަޅަންވާނެ ކަމަށެވެ.

އުތީމުގައި ޓޫރިސްޓު ހޮޓަލެއް އެޅުމަށް ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފައިވަނީ މިއަހަރުގެ މާޗް މަހުގެ ހަވަނަ ދުވަހު އެވެ.

އުތީމު ކައުންސިލް އިދާރާއިން ބުނީ ހޮޓާ އެޅުމަށް 260،000 އަކަފޫޓުގެ ބިމެއް 50 އަހަރަށް ކުއްޔަށް ދޭން ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އުތީމަކީ ގިނަ އަދަދެއްގެ ދިވެހިންނާ ޓޫރިސްޓުން ޒިޔާރަތްކުރާ ރަށަކަށް ވެފައި ކައިރީގައި ރިސޯޓްތަކެއް ހުރުމުންނާއި ކައިރީގައި އެއާޕޯޓެއް އޮތުމުން ޓޫރިޒަމްގެ ވިޔަފާރިއަކީ އުތީމުގައި ކާމިޔާބުކަމާ އެކު ކުރެވޭނެ ވިޔަފާރިއެއް ކަމަށްވެސް އުތީމު ކައުންސިލުން ބުނެ އެވެ.

އުތީމުގައި ހޮޓާ އަޅަން ބިން ދޫކުރަން ނިންމާފައިވަނީ ބޮޑުތަކުރުފާނު ދޫނި ހިއްޕެވި ކަމަށް ބުނާ ތުނޑި ހިމެނޭ ސަރަަހައްދުންނެވެ.

އުތީމު ކައުންސިލްގެ ރައީސް އަޝްރާރް އާދަމް ވިދާޅުވީ އުތީމުގައި ޓޫރިސްޓް ހޮޓަލެއް އެޅުމަކީ އެ ރަށުގެ އިގުތިސާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އުތީމުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ ޒުވާނުންނަށް ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އަދި ސަރުކާރަށްވެސް މާލީ ގޮތުން ފައިދާ ލިބޭނެ ކަަމަށްވެސް ވިދާޅުވި އެވެ.