ހުޅުމާލޭގެ ދެވަނަ ފިޔަވައްސަން ހިއްކި ސަރަހައްދުން 76 ބިމެއް ވިއްކަން ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ ވިއްކަން ނިންމި ބިންތަކަކީ ދެވަނަ ފިޔަވަހީގައި ހިމެނޭ ނޭބަހުޑް އެކަކުން ވިއްކާ 1000 އަކަފޫޓާއި 1800 އަކަފޫޓްގެ ބިންތަކެއް ކަމަށެވެ.

ބީލަމުގެ އުސޫލުން ބިންތައް ވިއްކަން ނިންމި ނަމަވެސް ބިންތަކަށް ބީލަން ހުޅުވާލުމަށް ހަމަޖައްސާފައިވަނީ އަންނަަ މަހުގެ 18 ވަނަ ދުވަހު އެވެ. ކޮންމެ ފަރާތަކަށް ވެސް ދެ ބިމަކަށް ބީލަން ހުށަހެޅޭއިރު ބީލަން ފެށުމަށް ހަމަޖައްސާފައިވަނީ އަކަފޫޓެއް 3000 ރުފިޔާއަށް ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ އުމުރުން 18 އަހަރުވެފައިވާނަމަ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބިން ގަންނަން ކުރިމަތިލެވޭނެ ކަމަށެވެ. އަދި ބީލަން ހުށަހަޅާ ކޮންމެ ބިމަކަށް ވެސް ބިޑް ސެކިއުރިޓީގެ ގޮތުގައި ފައިސާގެ ވަކި އަދަދެއް ބަހައްޓަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެކުއިޒިޝަން ފީގެ ގޮތުގައި ބިމުގެ އަގުގެ ފަސް ޕަސެންޓް ނަގާނެ ކަމަށްވެސް ވިދާޅުވި އެވެ.

ސައިމަން އިތުރަށް ވިދާޅުވީ ބީލަމުގެ އުސޫލުން ބިންތައް ކާމިޔާބުކުރާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަމަޖައްސާފައިވަނީ ދެ ހަފްތާގެ ތެރޭގައި އެއް ފަހަރާ ބިމުގެ ޖުމުލަ އަގު އަދާކުރާ ގޮތަށާއި ތާޑް ޕާޓީއެއް މެދުވެރިވެގެން ތިން މަސް ދުވަހުގެ ތެރޭގައި ތެރޭގައި ފައިސާ ދައްކާ ނިންމާ ގޮތަށް ކަމަށެވެ.