އިސްލާމީ ޝަރީއާ ހުއްދަކުރާ ގޮތަށް ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތްދޭ ކުންފުނި، އަމާނާ ތަކާފުލްއަށް މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު ރަނގަޅު އާމްދަނީއެއް ލިބިފައިވާތީ ހަމަސް ދުވަހުގެ ހިއްސާގެ ފައިދާ ބެހުމަށް ނިންމައިފި އެވެ.

އަމާނާތަކާފުލް އިން މިއަދު ބުނީ އެކުންފުންޏަށް މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު ވެސް ވިޔަފާރީގައި ރަނގަޅު ކުރިއެރުމަކާއެކު ފައިދާ ވެފައިވާ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ހިއްސާ ފައިދާ އިން ހިއްސާއެއްގެ މޫނުމަތީ އަގުގެ ފަސް ޕަސެންޓަށްވާ ފައިދާ ހިއްސާދާރުންނަށް ބެހުމަށް ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.

މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ކޮންސޮލިޑޭޓެޑް ފައިދާގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބުނު ކަމަށްވެސް އަމާނާ ތަކާފުލް އިން ވަނީ ހާމަކޮށްފަ އެވެ. އަދި މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހަށް ޓެކްސް ދެއްކުމަށްފަހު 3.2 މިލިއަން ރުފިޔާ ހިއްސާދާރުންގެ ފަންޑަށް ލިބިފައިވާ ކަމަށްވެސް ބުނެ އެވެ.

އަމާނާ ތަކާފުލް އިން ބުނީ މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ހިއްސާ ފައިދާ ބެހުމަށްޓަކައި މިމަހުގެ 31 ވަނަ ދުވަހުގެ ހިއްސާދާރުންގެ ދަފްތަރު ބަންދުކުރާނެ ކަމަށެވެ.

އަމާނާ ތަކާފުލް އަކީ ހިދުމަތް ދޭން ފެށި ފަހުން އަބަދުވެސް ފައިދާގައި ހިނގަމުންދާ އަދި ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ބަހަމުންދާ ކުންފުންޏެކެވެ.