ސަރުކާރުން ބޮޑު ހަރަދުކޮށްގެން މާފަންނު ކޮޅުގައި ހަދާފައިވާ ރަސްފަންނު ބީޗުން ކިސަޑު ނަގައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ހައުސިން މިނިސްޓްރީގެ އިއުލާންގައި ބުނެފައިވަނީ ރަސްފަންނުން ކިސަޑު ނަގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު ހަތަރު ވަނަ ދުވަހު އެ މިނިސްޓްރީއަށް ގޮސް މައުލޫމާތު ސާފު ކުރުމަށް އެދޭ ކަމަށާއި އަންނަ މަހުގެ ހަތްވަނަ ދުވަހު އެ މަސައްކަތްކޮށްދޭނެ އަގު ހުށަހެޅުމަަށެވެ.

ރަސްފަންނު ބީޗުން ކިސަޑު ނަގާނެ ބަޔަކު ހޯދަން ނިންމިއިރު، ބޮޑު ހިލަ ޖަހައިގެން ހަދާފައިވާ އެތަނުގެ ބޭރު ތޮށި އުސްކުރުމުގެ މަސައްކަތް ދާދި ފަހުން ވަނީ ކޮށްފަ އެވެ. އަދި ބީޗުގެ ވެލިގަނޑު ގިރަމުންދާތީ ދޭތެރެ ދޭތެރެއިން ވެލި އެޅުމުގެ މަސައްކަތް ވެސް ކުރެ އެވެ.

މީގެ އިތުރަށް އެ ސަރަހައްދުގެ މޫދަށް މީގެ ދުވަސްކޮޅެއް ކުރިން ބަޔަކު ވަނީ ކަޅުތެޔޮ އަޅާ ރަސްފަންނުގެ މޫދުގެ ފެންގަނޑު ތަޣައްޔަރުކޮށްލާފަ އެވެ.

މާލޭގެ ހުޅަނގު ފަރާތުގައި އާޓިފިޝަލް ބީޗް ހެދީ ސަރުކާރުގެ ބަޖެޓުން 40 މިލިއަން ރުފިޔާ ވަރު ހަރަދުކޮށްގެން އެމްޑަބްލިއުއެސްސީއާއި އެމްޓީސީސީއާއި އެމްއާރްޑީސީއާއި އެޗްޑީސީގެ އިތުރުން އެސްޓީއޯގެ ފަރާތުންނެވެ.

ރަސްފަންނު ބީޗް އާމުންނަށް ހުޅުވާލީ މިއަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ.