ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް ގެނެވުނު އަށް ވަނަ އިސްލާހުގެ ދަށުން އަންނަ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނެގުމަށްހަމަޖެހިފައިވާތީ، އެކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ހާއްސަ ސެމިނާތަކެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާއިން ބުނީ، 'ގްރީން ޓެކްސް ސެމިނަރ' ގެ ނަމުގައި ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަން (ޝީ) ބިލްޑިންގގެ އަސަރީ މާލަމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފުރަތަމަ ސެމިނަރ އޮންނާނީ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށެވެ. އަދި ދެވަނަ ސެމިނަރ އޮންނާނީ އެ ދުވަހުގެ މެންދުރުފަހު 14:00 އިން 17:00 އަށެވެ. މި ސެމިނަރ ގައި ގްރީން ޓެކްސްއާ ގުޅޭގޮތުން ގެސްޓްހައުސްތަކަށް ކޮންމެހެން އެނގެންޖެހޭ މައުލޫމާތު ފޯރުވައިދެވޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މީރާއިން ބުނީ، މި ސެމިނަރގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެއޮތޯރެޓީގެ ވެބްސައިޓު މެދުވެރިކޮށް ނުވަތަ 1415 އަށް ގުޅައިގެން ރަޖިސްޓަރީކުރެވޭނެ ކަމަށެވެ. އަދި މި ފަދަ އިތުރު ސެޝަންތައް ކުރިއަށް އޮތްތާނގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި، އެއްވެސް ފަރާތަކުން ވަކިން މައުލޫމާތު ސެޝަނެއް ބޭނުންވާނަމަ އެ ފުރުސަތު ވެސް ފަހިކޮށްދޭނެ ކަމަށް ވެސް މީރާއިން މައުލުމާތު ދެއެވެ.

މީގެއިތުރުން މީރާއިން ބުނީ، ގެސްޓްހައުސް ހިންގާ ފަރާތްތައް މި ކަމަށް އަހުލުވެރިކުރުވުމުގެ ގޮތުން ގެސްޓްހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައިކުރާ ރަށްތަކަށް އެއޮތޯރެޓީގެ ޓީމްތައް ޒިޔާރަތްކުރަމުންދާ ކަމަށެވެ.

ޓޫރިސްޓް ރިޒޯޓްތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގަންފެށި ތާރީޚަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. އެއީ ޓޫރިސްޓެއްގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ ރޭޓުންނެވެ. ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގާނީ ޓޫރިސްޓެއްގެ އަތުން ދުވާލަކަށް ތިން ޑޮލަރުގެ ރޭޓުންނެވެ.