ދިވެހި ސަރުކާރުން އިންތިޒާމުކޮށްގެން ބާއްވަމުން ގެންދާ އިންވެސްޓްމަންޓް ފޯރަމްގެ ތިންވަނަ ފޯރަމް ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ ތެރޭގައި ބާއްވަން ނިންމައިފި އެވެ.

ތިންވަނަ އިންވެސްޓްމަންޓް ފޯރަމް މިއަހަރު ބޭއްވުމަށް ސަރުކާރުން ހަމަޖައްސާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގަ އެވެ.

ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމް އޮކްޓޫބަރުގައި ބާއްވަން ނިންމާފައިވީ ނަމަވެސް އަދި ވަކި ދުވަހެއް ފައިނަލް ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން މިހާރު ވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމްއާއި ގުޅޭ ބައެއް ކަންކަން މާލޭގައި ވެސް ލޯންޗްކުރާނެ ކަމަށެވެ. އަދި އިންވެސްޓްމަންޓް ފޯރަމް ފެށުމުގެ ކުރިން ފޯރަމްގައި ބައިވެރިވާ ދިވެހި ވިޔަފާރި ކުންފުނިތަކާއި މާލޭގައި ބައްދަލުކޮށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއްވެސް މިއަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަދި އަޅުގަނޑުމެން މިދަނީ އިންޑިއާގެ ބައެއް ޗެމްބަރ ތަކާއި މުހިއްމު ފަރާތްތަކާއި ވެސް މަޝްވަރާކުރަމުން. ވީހާވެސް ފުރިހަަމަ އަދި ކާމިޔާބު ފޯރަމަކަށް މިއަހަރުގެ ފޯރަމްވެސް ވާނެ ކަމަށް އުއްމީދުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މީގެ ކުރިން ބޭއްވި އިންވެސްޓްމަންޓް ފޯރަމްތައް ފަދައިން މިއަހަރުގެ ފޯރަމްގައިވެސް ސަރުކާރުން އިސްކަންދޭ ޕްރޮޖެކްޓްތަކެއް ފޯރަމަށް ގެންގޮސް އިންވެސްޓަރުންނަށް މައުލޫމާތު ދޭނެ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލް މިނިސްޓަރު ހިއްސާކުރައްވާފައެއް ނުވެ އެވެ.

އިންވެސްޓްމަންޓް ފޯރަމްގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ސިންގަޕޫރުގަ އެވެ. ދެވަނަ އިންވެސްޓްމަންޓް ފޯރަމް ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޗައިނާގެ ބެއިޖިންގަ އެވެ.