އަޟްހާ އީދުގެ މުނާސަބަތުގައި ކުރިއަށް އޮތް ސެޕްޓެމްބަރު 14 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވީ ނަމަވެސް ބޭންކް ތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އެ ދުވަހު ހިދުމަތްދޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރު މަންސޫރު ޒުބައިރު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަޟްހާ އީދުގެ މުނާސަބަތުގައި ސެޕްޓެމްބަރު ނުވަވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހަށް ސަރުކާރު ބަންދު ދުވަސްތަކެއްގައި ކަނޑައަޅާފައިވީ ނަމަވެސް ވަކި ގަޑި ތަކެއްގައި ބޭންކުތަކާއި އެމްއެމްއޭ އިން ހިދުމަތްދޭ އެހެނިހެން މާލީ އިދާރާތައް ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ހުޅުވިފައި ހުންނާނެ ކަމަށެވެ.

މަންސޫރު ވިދާޅުވީ ބޭންކު ތަކުން ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ ހިދުމަތް ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ. އަދި ސިޓީއާއި ތަކެތި ބަލައިގަތުން ހަަމަ އެ ދުވަހުގެ ހެނދުނު 08:30 އިން މެންދުރުފަހު 15:00 އާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ.

މީލާދީ ކަލަންޑަރުގައި މި އަހަރުގެ ހައްޖު ދުވަހަކީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 10ވާ ހޮނިހިރު ދުވަހެވެ. އަދި އަޟްހާ އީދު ދުވަހަކީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 11 ވާ އާދިއްތަ ދުވަހެވެ. އަޟްހާ އީދަށް ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހަށް ބަންދު ވުމަށްފަހު ކަލަންޑަރުގައިވާ ގޮތުން ސެޕްޓެމްބަރު 15ވާ ބުރާސްފަތި ދުވަހަކީ ރަސްމީ ދުވަހެކެވެ. ނަމަވެސް ގައުމީ ނުވަތަ ދީނީ މުނާސަބަތަކާ ދިމާކޮށް ހަފްތާ ބަންދުގެ ކުރިއަށް ސަރުކާރުގެ ރަސްމީ ދުވަހެއް ދިމާވާނަމަ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ސަރުކާރުން އާންމުކޮށް ހަމަޖައްސަ އެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ސެޕްޓެމްބަރު 9 އިން 17 އަށް ނުވަ ދުވަސް ސަރުކާރު ބަންދުވާނެ އެވެ.