މިސްކް މެގަޒިން އިން އިންތިޒާމްކޮށްގެން މަޝްހޫރު މިއުޒިކް ބޭންޑް 'ޒީރޯ ޑިގްރީ އެޓޯލް' އިން މަގްބޫލުކަން ހޯދި ލަވަކިޔުންތެރިޔާ އަހްމަދު ނާޝިދަށް ދޭ ޓްރިބިއުޓް ޝޯވގެ އެސޯސިއޭޓް ޕާޓްރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މިކަން ވަނީ އިއުލާންކޮށްފައެވެ. ދިރާގުގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވީ ދިރާގުގެ މެނޭޖަރ، މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މުހަންމަދު މިރުޝާން ހަސަނާއި ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލެވެ. އަދި މިސްކް މެގަޒިންގެ ފަރާތުން އެ މެގަޒިންގެ ފައުންޑަރ ރިއާޔަތު އަބްދުލް މަޖީދުގެ އިތުރުން ކޯ-ފައުންޑަރ މުހަންމަދު ނަޖުވާން ބައިވެރިވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރިއާޔަތު ވިދާޅުވީ މި ޝޯވ އަކީ ނާޝިދަށް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ ފަންނާނުންގެ ފަރާތުން ދެވޭ ހަދިޔާއެއް ކަމަށެވެ. އަދި މި ޝޯވގެ އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖެހިގެން ދިޔުމުން ދިރާގަށް ޝުކުރު އަދާކުރާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ޝޯވގެ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް މި އެދުނީ އަޅުގަނޑުމެންގެ މެގަޒިން އާއި ވަރަށް ގާތުން ވޭތުވެދިޔަ އަހަރުތަކުގައި މަސައްކަތް ކުރި ފަރާތްތަކަށާއި އިންޑަސްޓްރީގައި އެކި ގޮތްގޮތުން ބައިވެރިވާ ފަރާތްތަކަށް. އެގޮތުން ދިރާގަކީ މިދިޔަ އަހަރުން ފެށިގެން ވަރަށް ގާތުން މަސައްކަތްކުރެވި، އަދި މިއަހަރުގެ ފުރަތަމަ އަދަދުން ފެށިގެން މެގަޒިންގެ ޓެލެކޮމް ޕާޓްނަރުގެ ހައިސިއްޔަތުންވެސް އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް. ހަމައެޔާއިއެކު ދިރާގަކީ ރާއްޖޭގެ ޒުވާން މިއުޒިކީ ފަންނާނުންނަށްވެސް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏަކަށްވުމަކީ ވެސް ދިރާގަށް މި ފުރުސަތު ހުށަހެޅި އެއްސަބަބު. އެގޮތުން ފުރަތަމަ ދެކެވުނު ވާހަކައިން ފެށިގެން ލިބުނު ތަރުހީބާއި އެއްބާރުލުމަށް ދިރާގަށްވެސް އަދި މި ޝޯވގައި ބައިވެރިވާ ހުރިހާ ޕާޓްނަރުންނަށްވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން" ރިއާޔަތު ވިދާޅުވި އެވެ.

ޝޯވ ގެ އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖެހިގެން ދިޔުމުން ދިރާގުގެ މެނޭޖަރ، މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މުހަންމަދު މިރުޝާން ހަސަން ވިދާޅުވީ، ނާޝިދު ފަދަ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ކުޅަދާނަ ފަންނާނެއްގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވޭ މިފަދަ ޝޯވއެއްގެ ޕާޓްނަރަކަށް ވުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް އަދި ހިތްހަމަޖެހުމެއް ކަމަށެވެ.

". އެގޮތުން މިސްކް މެގަޒިންގެ އިސްނެންގެވުމާއިއެކު ހިންގޭ މި ޝޯވ ކާމިޔާބުކަމާއިއެކު ކުރިޔަށް ގެންދިޔުމުގަޔާއި، އަދި މި ނޫނަސް މިފަދަ ހަރަކާތްތަކުގައި މިއުޒިކް އިންޑަސްޓްރީއަށް އަދި ހާއްސަކޮށް ޒުވާނުންނަށް، ދިރާގުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދިނުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަންއަރުވަން." މިރުޝާން ވިދާޅުވިއެވެ.

ނާޝިދުގެ މިއުޒިކް އަލުން އާންމުންނާއި ހަމަޔަށް ގެނެސްދިނުމުގެ ގޮތުން ބޭއްވޭ މި ޝޯވ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހު އޮލިމްޕަހުގައެވެ.