އަންހެން ކަނބަލުންގެ މައްސަރުގެ ވާހަކައަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރޭގައި އާންމުކޮށް ދައްކަން ނުވާ "ހޯހޯ ވާހަކަ" އެކެވެ. އަންހެން ކަނބަލުންގެ މެދުގައި "ފޮރުވާފައި" އޮންނަ ބޮޑު ސިއްރެކެވެ. އެހެންނަމަވެސް މިއަދު އެވާހަކަ މިއޮތީ ސޯޝަލް މީޑިއާގައި އެންމެ ބާރަށް ދެކެވޭ ވާހަކައަށް ވެފަ އެވެ. އަންހެންކަނބަލުން ބޭނުންކުރުމަށް ހަދާފައިވާ ސެނިޓަރީ ނެޕްކިން އިން ޖީއެސްޓީ ނެގުން ހުއްޓުވުމަށް Stop #MassaruTax ގެ ނަމުގައި ސޯޝަލް މީޑިއާގައި ހާއްސަ ޓެގެއް ތައާރަފްކޮށް މިވަނީ ވައިގާ ހިފާފަ އެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން 2 އޮކްޓޯބަރު 2011 އިން ފެށިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންނަނީ ޖީއެސްޓީ ނުވަތަ އާއްމު ހިދުމަތާއި މުދަލުން ނަގާ ޓެކްސް ނަގަމުންނެވެ. އެގޮތުން ބައެއް މުދަލުން ހަ އިންސައްތައިގައި ޖީއެސްޓީ ނެގެމުންދާއިރު ބައެއް އެހެން މުދަލުން ސުން ރޭޓުގައި ވެސް ޖީއެސްޓީ ނަގަ އެވެ. ހަމައެއާއެކު ބައެއް މުދަލަކީ ޖީއެސްޓީ ނުނެގޭ މުދަލުގެ ގޮތުގައި ވެސް ވަނީ ހަމަޖެހިފަ އެވެ. އާންމު ގޮތެއްގައި ސުން ރޭޓުގައި ޖީއެސްޓީ ނަގަނީ އަސާސީ މުދަލާއި ހިދުމަތްތަކުންނެވެ. މީގެ ތެރޭގައި އާއްމުކޮށް ހިމެނެނީ ކެއުމަށް ބޭނުންކުރާ ބާވަތްތަކާއި ރާއްޖޭގައި އާއްމުކޮށް އުފައްދާ ތަކެއްޗާއި އާއްމުކޮށް ބޭނުންކުރާ އެހެނިހެން ސާމާނެވެ. ޖީއެސްޓީ ނުނަގާ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ކަރަންޓާއި ފެނާއި ސިއްހީ ހިދުމަތްތައް ފަދަ އަސާސީ ހިދުމަތްތަކެވެ.
ޖީއެސްޓީ ނެގޭ މުދަލުގެ ތެރޭގައި ހިމެނޭ އެކައްޗަކީ ސެނިޓަރީ ނެޕްކިން އެވެ. އަންހެން ކަނބަލުންގެ މައްސަރުގެ ދުވަސްތަކުގައި ބޭނުންކުރާ ނެޕްކިން އަކީ ހަ އިންސައްތައިގައި ޖީއެސްޓީ ނެގެމުންދާ އެއްޗެކެވެ. އެހެންނަމަވެސް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރަމުންދާ ގިނަ ބަޔަކު ފާހަގަކޮށްފައިވާ ގޮތުގައި އަންހެން ކަނބަލުންގެ މައްސަރުގެ ދުވަސްވަރަކީ އެކަނބަލުންގެ އެއްވެސް އިޚްތިޔާރެއް އެކަމުގައި ނެތް ކަމަކަށް ވުމުން އެދުވަސްވަރު އެކަނބަލުންގެ ދިރިއުޅުމަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ގެނެސްދިނުމަށް ބޭނުންކުރާ މިއުފެއްދުމަކީ އަސާސީ މުދަލެއްގެ ގޮތުގައި ކަނޑައެޅުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. ހަމައެއާއެކު އެތަކެތިން ނެގޭ ޓެކްސް އުވާލައި ސުން ރޭޓުގައި ޖީއެސްޓީ ނެގޭ މުދަލެއްގެ ގޮތުގައި ކަނޑައެޅުމަކީ ވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.
މިކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމަށްވާ ޝަފާ ރަމީޒް ވީނިއުސްއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ މިކަމަކީ ކެމްޕޭނަކަށް ވުރެ ބޮޑަށް ގިނަ ބައެއްގެ ތާއީދު ލިބިގެން ގޮސްފައިވާ ހިޔާލެއް ކަމަށެވެ.
"އަޅުގަނޑަށް ފުރަތަމަ މައްސަރު ޓެކްސްގެ މައުލޫމާތު ލިބުނީ މީރާ އިން އެމީހުންގެ ފޭސްބުކް ޕޭޖްގައި ޝެއާކުރި ޕޯސްޓެއްގެ ސަބަބުން. މިހާރު އެޕޯސްޓެއް ނެތް. އެކަމަކު އަޅުގަނޑު އެޝެއާ ކުރުމުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއަށް. ދެން އޭގެ މަސްތަކެއް ފަހުން އަޅުގަނޑަށް ދަ އިންޑިޕެންޑެންޓު ނޫހުގައި އޮތް އާޓިކަލެއް ފެނިގެން އިނގުނީ ދިވެހިރާއްޖެއަކީ ހަމައެކަނި ގައުމު ނޫންކަން ސެނިޓަރީ ނެޕްކިން އިން ޓެކްސް ނަގާ. އެކަމަކު އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުން ވަނީ އެކަމާ ގުޅޭ ވާހަކަތަކެއް ފަށާފައި މިބާވަތުން ޓެކްސް ނެގުން ހުއްޓުވުމަށްޓަކައި،" ޝަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިކެމްޕޭނަށް ސަމާލުކަން ލިބުނީ އޭނާގެ އެކުވެރިއެއް ދިން ހިޔާލެއްގެ ސަބަބުން ޓްވިޓާ މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޓްވީޓުކޮށް އެކަމާ ގުޅޭ ގޮތުން ފޭސްބުކްގައި ޕޯސްޓުތަކެއް ޖެހި ހިސާބުންނެވެ.
"އަޅުގަނޑުގެ އިންބޮކްސް ފުރިގެން ބަންޑުންވަނީ މިކަމަށް ތާއީދުކޮށް މީހުން ފޮނުވާފައިވާ މެސެޖުތަކުން. އަޅުގަނޑު ހާއްސަކޮށް ފާހަގަކޮށްލަން ބޭނުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝާހިދާއި އަލީ ހުސައިންއާއި އީވާ އަބްދުﷲ އާއި ރޮޒައިނާ އާދަމް އާއި މާރިޔާ އަހްމަދު ދީދީ މައްސަރު ޓެކްސް އުވާލުމަށް ކުރާ މަސައްކަތަށް ތާއީދުކުރައްވާކަން ޓްވިޓާ މެދުވެރިކޮށް ހާމަކުރައްވާފައިވާކަން. އެހެންނަމަވެސް އެބޭފުޅުން ވެސް ވިދާޅުވެފައިވަނީ ޓެކްސްއަށް ބަދަލު ގެނައުން އަންނަން ޖެހޭނީ ސަރުކާރު ފަޅިންނޭ. އެހެންވެ މިހާރު އަޅުގަނޑުމެން ބަލަމުން މިއަންނަނީ އަޅުގަނޑުމެންގެ މިމަސައްކަތަށް ތާއީދުކުރައްވާނެ ސަރުކާރުގެ އޮފިޝަލެއް ނުވަތަ މެމްބަރެއް ފެނޭތޯ،" ޝަފާ ވިދާޅުވި އެވެ.
ޝަފާ ވިދާޅުވި ގޮތުގައި އެބޭފުޅުންގެ އަމާޒަކީ ސެނިޓަރީ ނެޕްކިން އިން ނަގަމުންދާ ޓެކްސް އެކީ އެކައްޗަކަށް އުވާލުމެވެ. ހަމައެއާއެކު ސޯޝަލް މީޑިއާ މެދުވެރިކޮށް ވީހާ ވެސް ގިނަ ބަޔަކު ހޭލުންތެރި ކުރުވުމަކީ ވެސް އެބޭފުޅުންގެ އަމާޒެކެވެ. ސަބަބަކީ ސެނިޓަރީ ނެޕްކިން އަކީ އަސާސީ މުދަލެއްގެ ގޮތުގައި ނުބަލާކަން ގިނަ ބަޔަކަށް އެނގިފައި ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ މިކަމާ ގިނަ ބަޔަކު ކުރިން އަޅާނުލީ ހުރިހާ ކަމެއް ވެސް މިދުވަސްކޮޅު ސިޔާސީވަމުންދާތީ ކަންނޭނގެ. އެހެންވެ އެކަމަށް އެހާ ބޮޑު ސަމާލުކަމެއް ނުލިބުނީ. އެކަމަކު މައްސަރާއި ސެނިޓަރީ ނެޕްކިންގެ ވާހަކައަކީ އަޅުގަނޑުމެން އާއްމުކޮށް ނުދައްކާ ވާހަކައަކަށް ވެފައި އެކަންކަމުގެ ވާހަކައަކީ ދެއްކުން އެހާ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް ބެލެވިފައި އޮތް އޮތުމަކީ މިކަން މިހާތަނަށް އައި އިރު ގިނަ ބައެއްގެ ސަމާލުކަމަށް މިކަން ނައިސް އޮތް ސަބަބެއް،" ސެނިޓަރީ ނެޕްކިން އިން ޓެކްސް ނެގުމާއި އެއީ އަސާސީ މުދަލެއް ނޫންކަމަށް ބަލާ ބެލުމާ ގުޅޭ ގޮތުން މީގެ ކުރިން ވާހަކަ ދެކެވިފައި ނުވަނީ ކީއްވެތޯ ވީނިއުސް އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަފާ ވިދާޅުވި އެވެ.
ސެނިޓަރީ ނެޕްކިން އިން ނަގާ ޓެކްސް އުވާލުމަށް ގޮވާލާ ޗޭންޖްޑޮޓްއޯގް ގައި ކުރިއަށް ގެންދާ ޕެޓިޝަންގައި މިލިޔުން ލިޔުމާ ހަމައަށް 440 ފަރާތަކުން ވަނީ ސޮއިކޮށްފަ އެވެ. މީގެއިތުރުން ހ. ހައިފާގައި ރޭ ބޭއްވުމަށް ހަމަޖެހިފައި އޮތް މާލެ ސިޓީ ހޮޅުއަށި ފޯރަމްގައި ވެސް މިމަސައްކަތާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް މޫސުން ތަން ނުދިނުމާ ގުޅިގެން ރޭގެ ފޯރަމް ވަނީ ފަސްކުރެވިފަ އެވެ.
ސެނިޓަރީ ނެޕްކިން އިން ޓެކްސް ނެގުމާ ދެކޮޅަށް ބައެއް މީހުން ވާހަކަ ދައްކަވަމުންދާއިރު ބައެއް މީހުން ބުނަނީ އެއީ އެހާވަރުން އުޅޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ފޭސްބުކްގައި ޝުއޫރު ފާޅުކޮށްފައިވާ ބައެއް މީހުން ވަނީ ސެނިޓަރީ ނެޕްކިން ގަތުމަށް އަންހެން ކަނބަލުންގެ އަތުން ދާ ހަރަދަކީ ނިސްބަތުން ބަލާއިރު ބޮޑު ހަރަދަކަށް ނުވާތީ އެއީ އެހާ ބޮޑުކަމަކަށް ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އެތަކެތިން ނެގޭ ޓެކްސް އުވާލައިފި ނަމަ ދައުލަތަށް ލިބޭ އާމްދަނީން އެތައް މިލިއަން ރުފިޔާއެއް މަދުވުމަކީ ދައުލަތުން ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކަށާއި އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާއި އެހެނިހެން ވެސް ހިދުމަތްތައް ފޯރުކޮށްދިނުމަށް ލިބޭ ފައިސާ މަދުވާނެ ކަމެއް ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ.
ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ސްލޮވާކިޔާ، ކެނެޑާ، މެލޭޝިއާ ފަދަ ގައުމުތަކުގައި އެކިއެކި ގޮތްގޮތަށް ސެނިޓަރީ ނެޕްކިންއަށް ޓެކްސް ނަގަ އެވެ. ހަމައެއާއެކު އެމެރިކާގެ 40 ސްޓޭޓެއްގައި ވެސް ސެނިޓަރީ ނެޕްކިން އިން ޓެކްސް ނަގަ އެވެ. ސެނިޓަރީ ނެޕްކިން އިން ނަގާ ޓެކްސް އުވާލުމަށް އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުނު ނަމަވެސް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އެ ހުށަހެޅުން ފާސްނުކޮށް ބޭރުކޮށްލާފަ އެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ސެނިޓަރީ ނެޕްކިން އިން ޓެކްސް ނެގުމާ ދެކޮޅު ނަމަވެސް، ޔޫރަޕުގެ އިއްތިހާދު (އީޔޫ)ގެ ގަވައިދުތަކުގެ ދަށުން އެތަކެއްޗަކީ ވެލިއު އެޑެޑް ޓެކްސް (ވީއޭޓީ) ނަގަންޖެހޭ މުދަލެވެ. އެހެންކަމުން އިނގިރޭސިވިލާތުން އަންނަނީ ސެނިޓަރީ ނެޕްކިން އިން ނެގޭނެ އެންމެ ދަށް ރޭޓު ކަމަށްވާ ފަސް އިންސައްތައިގައި ސެނިޓަރީ ނެޕްކިން އިން ޓެކްސް ނަގަމުންނެވެ. ނަމަވެސް އީޔޫ އިން މިއަހަރު ތެރޭގައި ވަނީ ސެނިޓަރީ ނެޕްކިން އިން ޓެކްސް ނަގަން ބޭނުންނުވާ ގައުމުތަކަށް އެއިން ޓެކްސް ނުނެގުމުގެ އިޚްތިޔާރު ދިނުމަށް ނިންމާފަ އެވެ. ހަމައެއާއެކު ކެނެޑާގައި ސެނިޓަރީ ނެޕްކިން އިން ޓެކްސް ނެގުން ހުއްޓާލާފައިވީ ނަމަވެސް އޭގެ ބައެއް އުފެއްދުންތަކުން އަދިވެސް ޓެރިފް ނުވަތަ ކަސްޓަމްސް ޑިއުޓީ އަންނަނީ ނަގަމުންނެވެ.
އަންހެން ކަނބަލުންނަކީ އަޅުގަނޑުމެންގެ އާބާދީގެ ދެބައިކުޅައެއްބަ އެވެ. އެހެންކަމުން އެކަނބަލުންގެ އިޚްތިޔާރެއް ނެތި ކޮންމެ މަހަކު އެކަނބަލުން އުފުލަންޖެހޭ ތަކުލީފުތަކަކީ އަޅުގަނޑުމެންގެ އާބާދީގެ ލައްކައަކަށް ވުރެ ގިނަ ބަޔަކު ތަހައްމަލުކުރަމުންދާނެ ތަކުލީފުތަކެކެވެ. ހަމައެއާއެކު އެއާ ގުޅިފައިވާ ހަރަދުތަކަކީ ވެސް އެބަޔަކު ކުރަންޖެހޭނެ ހަރަދުތަކެކެވެ. އެހެންކަމުން ސެނިޓަރީ ނެޕްކިން އިން ޓެކްސް ނެގުމުން ލިބޭ މަންފާ މުޖުތަމައަށް ކުރަނީ ކިހާ މިންވަރަކަށް ކަމާއި އެޓެކްސް އުވާލުމުން ކުރާނެ އަސަރަކީ ވެސް ކޮބައިތޯ ބަލައި ދެނެގަތުން މުހިއްމެވެ. އެހެންކަމުން ސެނިޓަރީ ނެޕްކިން އަކީ އަސާސީ މުދަލެއް ކަމަށް ނިންމާ އެއިން ޓެކްސް ނަގަން ނުވަތަ ޓެކްސް ނުނަގަން ނިންމުމުގެ ހަމަ ވިސްނުމަކުން ވިސްނާލުމަކީ މުހިއްމުކަމެއް ކަމުގައި ދެކެމެވެ.