ކަނޑުގައި ދުއްވާ އުޅަނދުތަކަށް އިންޝުއަރަންސް ހިދުމަތް ފޯރުކޮށްދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އެލައިޑް އިންޝުއަރަންސާ ހަވާލުކޮށްފި އެވެ.

ސްޓެލްކޯ ކޮންފަރެންސް ހޯލްގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު އާއި ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ނަސީރު މުހައްމަދު އެވެ. އެލައިޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަމީލް އާއި ޖެނެރަލް މެނޭޖަރު އަހްމަދު ރިޔާޒީ މުހައްމަދު އެވެ.

މިރަސްމިއްޔާތުގައި އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ މި އެއްބަސްވުމާ ގުޅިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވޭނީ އިންޝުއާ ކޮށްގެން ކަމަށެވެ.

ނާފިޒު ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖެ އަކީ ކަނޑުގައި ދުއްވާ އުޅަނދުފަހަރުވެސް ގިނަ އަދަދަަކަށް ގެންގުޅޭ ގައުމަކަށްވާތީ ކަނޑުގައި ދުއްވާ އުޅަނދުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރަން ވެސް އެ އޮތޯރިޓީން މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ އުޅަނދުތަކަށް ގެއްލުން ލިބޭ ވަގުތު އެ ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ކުރެވޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

"މިއިންޝުއަރެންސް ޕޮލިސީ ހޯދުމުން މިވާ ގޮތަކީ ދޯންޏެއް ފަރަށް އެރީ ނުވަަތަ އަޑިއަށް ދިޔައީ. އެފަދަ ހާލަތެއްގައި ދޯނި އަޑިއަށް ދިއުމުން އެ ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި މި ޕޮލިސީގެ ދަށުން އެބަ ބަދަލު ނަގައިދޭ،" ނާފިޒު ވިދާޅުވި އެވެ.