ރާއްޖޭގައި ހިންގަމުންދާ ސްރީލަންކާގެ ބެންކެއް ކަމުގައިވާ ބެންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ފަސް އަހަރު ވަންދެން އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާތީ ހަމަޖެހިފައިވާ ގާނޫނީ އުސޫލުގެ ތެރެއިން އެކައުންޓްތައް ބަންދުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ބެންކް އޮފް ސިލޯނުން ބުނީ އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ބޭންކްގެ ރެކޯޑްތައް ދައްކާގޮތުން އެ ބޭންކްގައި ފައިސާގެ މުއާމަލާތެއް ނުކޮށް ފަސް އަހަރު ވެފައިވާ "ޑޯމަންޓް އެކައުންޓް"ތަކުގެ ގޮތުގައި 587 އެކައުންޓެއް ފާހަގަކުރެވިފައިވާ ކަަމަށެވެ.

ބެންކް އޮފް ސިލޯނުން ބުނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ އައްވަނަ ދުވަހުގެ ނިޔަލަށް މި އެކައުންޓްތަކުގެ ވެރިފަރާތްތަކުން އެކައުންޓްތަކާ މެދު އަމަލުކުރަންވީ ގޮތެއް ނާންގައިފިނަމަ މި އެކައުންޓްތައް ބަންދުކުރާނެ ކަމަށެވެ. އަދި ބޭންކިންގެ ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ އެކައުންޓްތަކުގައިވާ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ހަވާލުކުރާނެ ކަަމަށްވެސް އިއުލާންގައިވެ އެވެ.

ފައިސާގެ މުއާމަލާތެއް ނުކޮށް ފަސް އަހަރުވެފައިވާ "ޑޯމަންޓް އެކައުންޓް"ތަކުގެ ވެރިފަރާތްތައް ހޯދުމަށް ރާއްޖޭގައި ހިންގާ އެހެން ބައެއް ބޭންކްތަކުންވެސް މިއަހަރުގެ ތެރޭގައި އިއުލާންކޮށްފައިވެ އެވެ.

ބޭންކިން ގާނޫނުގެ 35 ވަނަ މާއްދާގައި ބުނެފައި ވަނީ ވިދިވިދިގެން ފަސް އަހަރުދުވަސް ވަންދެން އެކައުންޓެއްގެ ވެރިފަރާތުން، އެ އެކައުންޓުން އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނަމަ ނުވަތަ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވާފއިނުވާނަމަ ޖެހިގެން އަންނަ އަހަރުގެ ރަސްމީކޮށް މަސައްކަތްކުރާ ފުރަތަމަ ދުވަހު ރެޖިސްޓާޑް ޕޯސްޓުން އެފަރާތަށް އެޑްރެސްކޮށް ބޭންކަށް އެންމެފަހުން ލިބިފައިވާ އެފަރާތުގެ އެޑްރެހަށް އެ ޑޯމަންޓް އެކައުންޓްގެ ތަފްސީލް ބަޔާންކޮށް ސިޓީއެއް ފޮނުވަންވާނެ ކަމަށެވެ.

އަދި އެފަދަ ސިޓީއަކަށް ޖަވާބު ނުފޮނުވާ ފަރާތްތަކުގެ ނަންތައް ދުވަހު ނޫސްތަކުގެ ތެރެއިން މަދުވެގެން އެއް ދުވަހު ނޫހުގައި އަދި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ޖެހެއެވެ. އަދި އެ ގޮތަށް ޝާއިއުކުރެވޭތާ 60 ދުވަހުގެ ތެރޭގައި އެކައުންޓެއްގެ ވެރިފަރާތް ނުހޯދިއްޖެނަމަ އެފަދަ އެކައުންޓެއްގެ ތަފްސީލު ރިޕޯޓެއް އެކުލަވާލައި އެމްއެމްއޭ އަށް ހުށަހަޅަންޖެހެ އެވެ. އަދި އެފަދަ އެކައުންޓްގައިވާ ޑިޕޮސިޓް ފައިސާ އެމްއެމްއޭގައި އޮންނަ ހާއްސަ އެކައުންޓެއްގައި ބެހެއްޓުމަށްޓަކައި އެމްއެމްއޭ އާއި ހަވާލުކުރަން ޖެހެ އެވެ.