އެމްޓީސީސީން ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަޝްރޫއުތަކުގައި ބޭނުންކުރުމަށް ހާއްސަކޮށްގެން ބަނުމަށް ނިންމާފައިވާ ޑްރެޖަރުގެ ފަށަން ބަހައްޓާ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީގެ ޗެއާމަން ހުސައިން ސާލިމާއި ސީއީއޯ އިބްރާހީމް ޒިޔަތު ޝަރަފުވެރި ކޮށްދެއްވި މިރަސްމިއްޔާތު ބާއްވާފައިވަނީ ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓް ޔާޑުގައި މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަޝްރޫއުތަކަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނާނެ ކަަމަށް ބުނާ މި ޑްރެޖަރު ބަނުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނެދަލެންޑުގެ އައިއެޗްސީ އަށެވެ.

އެމްޓީސީސީން މި ޑްރެޖަރަށް "މަހާ ޖައްރާފް"ގެ ނަން ދީފައިވާއިރު އެކުންފުނިން ބުނީ ޑްރެޖަރު ބަނުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނިމި އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި މި ޑްރެޖަރު އެކުންފުންޏަށް ލިބޭނެ ކަަމަށެެވެ.

މި ޑްރެޖަރުގެ ދިނުމުގައި 92.95 މީޓަރު އަދި ފުޅާމީނުގައި 16.30 މީޓަރު ހުންނައިރު 50 މީޓަރުގެ އަޑިން ވެލި ނެގުމުގެ ގާބިލްކަން މި ޑްރެޖަރަށް ލިބިގެންވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ. އަދި މި ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭނެ ކަަމަށްވެސް އެކުންފުނިން ބުނެ އެވެ.

އެމްޓީސީސީން ބުނީ މި ޑްރެޖަރު ރާއްޖެ ގެނެވުމާއެކު އެކުންފުނިން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ވަރަށް ބޮޑަށް ހަލުވި ވެގެންދާނެ ކަމަށެވެ.

އެމްޓީސީސީން ވަނީ މި ޑްރެޖަރު ލިބުމުން ރާއްޖެއިން ބޭރުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއުތަކަށް ކުރިމަތިލުމަށް ނިންމާފަ އެވެ.