ގުޅިފަޅުގައި ލޭބާ ޕާކެއް ގާއިމުކޮށް ބަލަހައްޓައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގުޅިފަޅުގައި ލޭބާ ޕާކެއް ގާއިމުކުރުމަށް ނިންމީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ދިރިއުޅޭނެ ރަނގަޅު މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން ބޭނުންވާތީ ސަރުކާރުން އެދިގެން ކަމަށެވެ.

މިއިއުލާނުގައި ބުނެފައިވަނީ ލޭބަ ޕާކެއް ތަރައްގީކޮށް ހިންގައި އަދި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަނޑައަޅާނީ ގުޅީފަޅު އިންވެސްޓްމަންޓުން އަންގާ ގޮތަށް ކަމަށެވެ.

އިއުލާންގައި ބުނެފައިވަނީ ލޭބާ ޕާކް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަން ހުށަޙަޅަންޖެހެނީ ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ކުރިންނެވެ.

ވީނިއުސް އަށް މީގެ ކުރިން ދެއްވި އިންޓަވިއެއްގައި ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ފަޒީލް ގުޅިފަޅުގައި ލޭބަ ޕާކް ހަދާނީ ގުޅިފަޅުގައި މީހުން ދިރިއުޅުމަށް އަމާޒުކޮށްގެން އެމްޑީޕީގެ ސަރުކާރުން އަޅާފައިވާ ފްލެޓްތައް ހުރި ސަރަހައްދުގައި ކަމަށެވެ.

މިތަނުގައި އުޅޭނީ ބިދޭސީން ކަން ފާހަގަކޮށް ފަޒީލް ވިދާޅުވީ މިތަނަކީ ބިދޭސީންނަށް ވަރަށް ރަނގަޅު ހިދުމަތްތަކެއް ގާއިމުކުރެވިފައިވާ ތަނަކަށް ވާނެ ކަމަށާއި، މާލޭގައި އުޅޭ ބިދޭސީން ވެސް މަސައްކަތް ކޮށްފައި ނިދާލަން މިތަނަށް އާދެވޭނެ ކަހަލަ ގޮތަކަށް މިއިމާރާތްތައް ބޭނުންކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ގުޅީފަޅު ސިނާއީ ރަށެއްގެ ގޮތުގައި ތަަރައްގީކުރަން މިސަރުކާރުން ނިންމާފައިވީނަމަވެސް އެތަނުގައި ޓޫރިޒަމާ ގުޅޭ ބައެއް މަސައްކަތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. މާލޭގައި ހަދާފައި ހުރި ލޭބަ ކުއާޓަރުތައް ގުޅިފަޅަށް ބަދަލުކުރުމާއި، މާލޭގެ ބަނދަރުގައި އަޅާ ލޯންޗް ފަހަރާއި، ޔޮޓް ފަދަ އުޅަނދުތައް އަޅަން ގުޅިފަޅުގައި ބަންކަރިންއެއް ހެދުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.