އުކާލާ ކަރުދާސް ރީސައިލްކޮށް އެކްސްޕޯޓް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަމުންދާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނެފި އެވެ.

ވެމްކޯއިން މިކަން ހާމަކުރީ މިއަދު ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންގެ ސެނެކޯ ހޯލުގައި އެކުންފުނިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު އެވެ.

މިރަސްމިއްޔާތުގައި މިއަދު ވަނީ ރާއްޖޭގައި އެންމެ ގިނައިން ކަރުދާސް ބޭނުންކުރާ އެއްކުންފުނި އެމްސެވަންއާ އެކު މިކަމާ ގުޅޭ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފަ އެވެ.

ވެމްކޯ އިން ބުނީ މި އެއްބަސްވުމުގެ ދަށުން އެމްސެވަން އިން އުކާލާ ކަރުދާސް އެކުންފުންޏަށް ލިބޭނެ ކަމަށެވެ. އަދި ކޮންމެ އަހަރެއްގެ ދިރާސީ އަހަރުގެ ކިޔެވުން ނިމުމާއެކު ސުކޫލުތަކުން ވެސް ގިނަ އަދަދަކަށް ކަރުދާސް އުކާލަމުންދާތީ މިއަހަރު ސުކޫލުތަކުން އެގޮތަށް އުކާލާ ކަރުދާސް ވެމްކޯއަށް ލިބޭނެ ގޮތް ހެދުމަށް މިހާރު މަސައްކަތް ކުރެވެމުންދާ ކަމަށާއި އަދި މިކަން ދާއިމީ ގޮތެއްގައި ކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ މިކަން ފަށައިގަތުމާ ގުޅިގެން ސަރުކާރުގެ އޮފީސް ތަކުންނާ ސަރުކާރުގެ ކުންފުނިތަކުންނާ އަދި އަމިއްލަ ކުންފުނިތަކާއި ރިސޯޓްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް އުކާލާ ކަރުދާސް އެކުންފުންޏަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ފުއާދު ވިދާޅުވީ އުކާލާ ކަރުދާސް ރީސައިލްކޮށް އެކްސްޕޯޓް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނީ ތިލަފުށީގައި ކަމަށެވެ. އަދި ރީސައިލް ކުރާ ކަރުދާސް އެކްސްޕޯޓް ކުރުމަށްޓަކައި ބަޔަކާ މަޝްވަރާކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި ރާއްޖޭގައި ކުނީ މައްސަލަ ބޮޑުވަނީ އިސްރާފުކުރެވޭތީ. މިގޮތަށް އިސްރާފުކުރެވޭ ތަކެތީގެ ތެރޭގައި ކަރުދާސްވެސް ހިމެނޭ،" ފުއާދު ވިދާޅުވި އެވެ.

ވެމްކޯ އިން މިހާރު ވެސް ދަނީ ތެޔޮ ހުސްކޮށްފައި ހުންނަ ހުސް ހަމާއި، ޕެލެޓް ފަޅިއާއި ކަރުދާސް ފޮށި ކަހަލަ ތަކެތި ކުނީގެ ތެރެއިން ވަކިކޮށް އެތަކެތި ވިއްކަމުންނެވެ.

ޕްލާސްޓިކުގެ ބައެއް ބާވަތްތައް ރީސައިކަލްކޮށް އެއިން އުފައްދާ ތަކެތި ވިއްކަން ވެމްކޯ އިން ވަނީ ނިންމާފަ އެވެ.