ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މެގަ މޯލްޑިވްސް އިން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ކުންފުނި ރީސްޓްރަކްޗާ ކުރަން ނިންމައިފި އެވެ.

މެގަ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރު ފެށުނުއިރު 400 ވަރަކަށް މުވައްޒަފުން އެކުންފުނީގައި ތިބި ނަމަވެސް ކުންފުންޏަށް ކުރިމަތިވެފައިވާ މާލީ ދަތިތަކާ ގުޅިގެން ކުންފުނިން 65 ވަޒީފާ އުވާލަން ނިންމާ މުވައްޒަފުންގެ އަދަދު 278 އަށް މަދުކުރަން ނިންމާފައިވާ ކަމަށެވެ.

މެގަ މޯލްޑިވްސް އިން ބުނީ މާލީ ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން 50 މަގާމަކަށް މީހުން ހޯދުމަށް ކުރިން ނިންމާފައިވާ ނިންމުން މަޑުޖައްސާލުމަށާއި، އެއާލައިންގެ ފްލީޓް އާކުުރުމަށް ކުރަން ނިންމާފައިވާ ހަރަދުތައް ކުރުންވެސް މަޑުޖައްސާލާފައިވާ ކަމަށެވެ.

މެގަމޯލްޑިވްސް އިން ބުނީ އެކުންފުންޏަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ އެ އެއާލައިނުން އެންމެ ގިނައިން ދަތުރުކުރާ ޗައިނާ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އެއް އަހަރަށް ބަލާނަމަ 11 އިންސައްތައަށް ދަށްވުމުން ކަމަށެވެ. ޗައިނާއިން ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ ތެރެއިން 30 ޕަސަންޓް ފަތުރުވެރިން ރާއްޖެ އަންނަނީ މެގަ މޯލްޑިވްސްގެ ފްލައިޓްތަކުގަ އެވެ.

ޗައިނާ މާކެޓް ދަށްވެދާނެ ކަމަށް ކުރިންވެސް ލަފާކުރެވުނު ކަން ފާހަގަކޮށް މިބަޔާނުގައި ބުނެފައިވަނީ ލިބިދާނެ މާލީ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ތައިލެންޑާއި، ސައުތު އެފްރިކާ އާއި، އިންޑިއާ އަދި ޔޫރަޕްގެ ބައެއް ގައުމުތަކަށް ފަށަން ހަަމަޖެއްސި ދަތުރުތައް ތަފާތު ސަބަބުތައް މެދުވެެރިވެ، ފެށޭގޮތް ނުވުމަކީ ކުންފުންޏަށް މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހުނު ސަބަބެއް ކަމަށެވެ.

މެގަ މޯލްޑިވްސްއަށް ލިބެމުންދާ މާލީ ގެއްލުންތަކާއި ގުޅިގެން އެކުންފުނިން ހިދުމަތް ދިނުމަށް ގެންގުޅޭ ފަސް އެއާކްރާފްޓްގެ އަދަދު މިއަހަރުގެ ތެރޭގައި ތިން އެއާކްރާފްޓަށް މަދުކުރަން ޖެހިދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މެގަމޯލްޑިވްސް އިތުރަށް ބުނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ މުސްތަގުބަލް އެބައޮތް ކަމަށާއި އެންމެން ގުޅިގެން މިދާއިރާ ތަރައްގީކުރަން މަސައްކަތް ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމަށްޓަކައި މިހާރު ގެންނަމުންދާ ބަދަލުތަކާއެކު ކުންފުންޏަށް އަލުން އުޖާލާކަން ލިބުމުން ވަޒީފާއިން ވަކިކުރަން ނިންމި މުވައްޒަފުންނަށް އަލުން ފުރުސަަތު ދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް މެގަ މޯލްޑިވްސްގެ ބަޔާނުުގައި ވަނީ ބުނެފަ އެވެ.

އެމެރިކާގެ ކުންފުންޏަކާއި ދިވެހި ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ މެގަ މޯލްޑިވްސް އިން ހިދުމަތް ދޭން ފަށާފައިވަނީ 2009 ވަނަ އަހަރު އެވެ.