މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް މިހާތަނަށް ބަހާ އެންމެ ބޮޑު އަދަދެއްގެ ބޯނަސް ބަހަން ފަށައިފި އެވެ.

އެމްޕީއެލްގެ މުވައްޒަފުންނަށް މީގެ ކުރިން ބޯނަސްގެ ގޮތުގައި ބަހަނީ މުޅި ކުންފުންޏަށް ލިބޭ ފައިދާގެ އެއް ޕަސެންޓެވެ. ނަމަވެސް މިއަހަރު ކުންފުނީގެ ފައިދާ އިން މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ތިން ޕަސަންޓް ބެހުމަށް ވަނީ ނިންމާފަ އެވެ. މިއަދަދަށް ބޯނަސް ބެހުމުން ކޮންމެ މުވައްޒަފަކަށް ބޯނަސްގެ ގޮތުގައި 4000 ރުފިޔާ ޖެހެ އެވެ.

މިއަދަދަށް ބޯނަސް ބެހުމަށް އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަަމަށް މައުލޫމާތު ލިބެ އެވެ.

އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު ޖުނައިދު އެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމްޕީއެލްގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމަށާ މުވައްޒަފުންނަށް ރަނގަޅު ގޮތްތަކެއް ހަމަޖައްސައިދިނުމަށް ގިނަ މަސައްކަތްތަކެއް ވަނީ ފަށާފަ އެވެ.

އެގޮތުން މުވައްޒަފުންގެ ކޯޕަރޭޓިވްސް އުފައްދާ އެންމެ ދެކުނުގެ ދެ އަތޮޅުގައި ބަހުގެ ހިދުމަތް ދިނުމާއި މީރުބަހުރު ބަނދަރުގައި ފިހާރައެއް ހުޅުވާ މުވައްޒަފުންނަށް ކުރެޑިޓަށް މުދާ ލިބޭނެ ގޮތް ހަމަޖެއްސުމާއި، މަޖޫރީންނަށް ފަސޭހަކުރުމަށް އެމްޕީއެލް ސަރަަހައްދުގައި ޖޯލިފަތި ބެހެއްޓުން ހިމެނެ އެވެ. އަދި މުވައްޒަފުންނަށް މަތީ ތައުލީމަށް ކިޔެވޭނެ ފުރުސަތާއި ހައްޖަށް ދިއުމަށް ފުރުސަތު ހޯދައިދިނުމަށްވެސް އެމްޕީއެލް އިން ދަނީ މަސައްކަތް ކުރަމުންނެވެ.

ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ތެރެއިން އެމްޕީއެލް އަކީ އެންމެ ގިނަ ދިވެހިން މަސައްކަތް ކުރާ ކުންފުންޏެވެ.