ތެދު މައުލޫމާތު ހޯދައި އެ މައުލޫމާތު ދިވެހި ރައްޔިތުންނާއި ހިއްސާކުރުމުގައި މިއަދަކީ ވީމީޑިއާގެ ހިދުމަތަށް އަށް އަހަރު ފުރުނު ދުވަހެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ދެގޮތެއް ނުވެ ވީމީޑިއާ ކުރިއަށް ދިޔުމުގައި އެންމެ ބޮޑަށް ތަބާވަމުން އަންނަ އުސޫލަކީ ވަކިއަތަކަށް ނުޖެހުމާއި ވަކިބައެއްގެ ނުފޫޒުގައި ނުޖެހުމެވެ. ސަރުކާރުން ފުމޭ ސަންގަކަށް ނުވުމާއި އަދި ސަރުކާރާއި ދެކޮޅު މީހުން ފުމޭ ސަންގަކަށްވެސް ވީމީޑިއާ ވިޔަނުދިނުމެވެ.

މި އުސޫލުގައި ހިފަހައްޓައިގެން ކުރިއަށް ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ގިނަބައެއްގެ ކުރިމަތީގައި ވީމީޑިއާގެ ނަމަކީ އިހުތިރާމް ލިބިގެންވާ ނަމެކެވެ. އެހެންނަމަވެސް އެކި ދުވަސްވަރު އެކި ސިޔާސީ ފިކުރުގެ އަހުލުވެރިންނަށް ވީމީޑިއާ އަކީ އެހާ ރަހުމަތްތެރި ނަމަކަށް ނުވެ އެވެ. މިހެން މިކަން އޮތުމުން ފާއިތުވި އަށް އަހަރުގެ ތެރޭގައި ތަފާތު އެތަކެއް ގޮންޖެހުންތައް ވެސް ވީމީޑިއާއާއި ވީމީޑިއާގެ މުވައްޒަފުންނަށް ވަނީ ކުރިމަތިވެފަ އެވެ.