އޭނާގެ ފޭސްބުކް ނަމަކީ 'ނޭމަރ ތޯހާ" އެވެ. ފޭސްބުކްގައި ބޭނުންކުރާ ނަމަށްވެސް "ނޭމަރ" ލައިގެން އުޅެނީ، އޭނާއަށް އެންމެ މަގްބޫލް އަދި އޭނާ އެންމެ ސަޕޯޓްކުރާ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔަކީ ބްރެޒިލްގެ ތަރި ނޭމަރ ޑަ ސިލްވާ ސަންތޯސް ޖޫނިއަރ ނުވަތަ ނޭމަރ ޖޫނިއަރ ކަމަށްވާތީއެވެ.

މިއީ، ހދ.ހަނިމާދޫއަށް އުފަން، އުމުރުން 20 އަހަރުގެ ނޫރުﷲ ތޯހާގެ ވާހަކައެވެ. އެއީ، ފުޓްބޯޅައިގައި ހަނިމާދޫގެ އިތުރުން، މުޅި ބޮޑުތިލަދުންމައްޗަށްވެސް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެކެވެ. ޒުވާން ހުނަރުވެރި މޮޅު ފުޓްބޯޅަ ކުޅުންތެރިއެކެވެ. ދަނޑުމަތީގައި ހިތްގައިމު ހުނަރުތަކެއް ދައްކުވައިދޭ އުންމީދީ ކުޅުންތެރިއެކެވެ.

ބްރެޒިލްގެ ނޭމަރއަށް ސަޕޯޓްކުރަނީ ކީއްވެގެންތޯ އޭނާ ކުރެން އަހާލުމުން ބުނީ، ނޭމަރގެ ކުޅުން މޮޅުވެފައި، ދަނޑުމަތީގައި ދައްކާ ހުނަރުތައް ސަޅިވުމުން ކަމަށެވެ.

ނޭމަރ ފުޓްބޯޅަކުޅޭ ފެންވަރަށް ނުކުޅެވުނު ނަމަވެސް ނޫރުﷲ ތޯހާ ގެންދަނީ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައާއި އަދި ސަރަހައްދީ ފެންވަރުގައި ބާއްވާ އެކިއެކި ފުޓްބޯޅަ މުބާރާތްތަކުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާއަކީ މޮޅު ކުޅުންތެރިއެއްކަން ދަނޑުމަތީގައި ގެންދަނީ ސާބިތުކޮށްދެމުންނެވެ. އޭނާގެ ކުޅުން ފެނުނު އެއްވެސް މީހަކު މިކަމަށް ދެބަހެއް ނުވާނެއެވެ.

ދާދިފަހުން ނިމިގެންދިޔަ "އެސް.ޓީ.އޯ މިނިވަން ޗެމްޕިއަންޝިޕް 2016" ގެ ހދ. އަތޮޅު ފުޓްބޯޅަ މުބާރާތާއި، ޒޯން 1 ގެ މުބާރާތުގައި އޭނާ ދެއްކި މޮޅުކުޅުން މީގެ ހެއްކަކަށް ފުދެއެވެ.