މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް އަންނަ ހުކުރުދުވަހު ފަށައިގަންނައިރު، ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

މިފިޔަވަޅުތަކަކީ، މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ޖަމްރާގައި ހިނގި ފިތިބާރުވުމުގެ ހާދިސާގައި އެތައްސަތޭކަ ހައްޖުވެރިން މަރުވި ހިތާމަވެރި ހާދިސާއާއި ގުޅިގެން ހައްޖުގެ އިންތިޒާމުތައް ދޯދިޔާކަމަށް ބުނެ އެކިއެކި ފަރާތްތަކުން އެކަމުގެ ޝަކުވާކުރުމާއި، ދުނިޔޭގެ ކުރިމަތީގައި ސައުދީ އަރަބިއްޔާ ބަދުނާމުވިޔަ ނުދިނުމުގެ ގޮތުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކެކެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި، ސައުދީ އަރަބިއްޔާއިން ދެމިލިއަނަށްވުރެ ގިނަ މުސްލިމުން މިހާތަނަށް މައްކާއަށް ޖަމާވެފައި ވާއިރު، ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ އިސްކަމެއް ދީގެން މިފަހަރު އަޅާފައިވާ ފިޔަވަޅަކީ ހައްޖުވެރިން ބެލެހެއްޓުން (ނުވަތަ ކްރައުޑް މެނޭޖް) ކުރުމެވެ.

އެގޮތުން، ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމުގައި އުޅޭއިރު، ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ސިވިލް ސާވަންޓުންނާއި، ސަލާމަތީ އޮފިޝަލުންނާއި، ސިއްހީ ޚިދުމަތްތެރިންގެ ޓީމުތައް، ކުރީ ފަހަރުތަކަށްވުރެ އެތައް ގުނަ އިތުރަށް ވަނީ ނެރެފައެވެ. ހައްޖުވެރިން މައްކާއަށް ޖަމާވުމުގެކުރިން އެކަމުގެ ތަމްރީނުތަކާއި، ޑްރިލްތައްވަނީ ހަދާފައެވެ.