މިހަފްތާގެ އާދިއްތައިން ފެށިގެން އިއްޔެގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް އިން 1.1 މިލިއަން ޑޮލަރު ވިއްކައިފި އެވެ.

ބީއެމްއެލް އިން ބުނީ ޑޮލަރަށް އޮތް ޑިމާންޑާ އެއްވަރަށް ޑޮލަރު ވިއްކުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ކުރިން ދުވާލަކު 500 ޓިކެޓަށް ޑޮލަރު ވިއްކި އިރު އަޟްހާ އީދާ ދިމާކޮށް ރާއްޖެ އިން ބޭރަށްދާ ދިވެހިން އިތުރުވުމާ ގުޅިގެން މި ހަފްތާގައި ކޮންމެ ދުވަހަކު ވެސް 700 ޓިކެޓަށް ޑޮލަރު ވިއްކަމުންދާ ކަަމަށްވެސް ބުންޏެވެ.

ބީއެމްއެލް އިން ބުނީ ޓިކެޓަށް ޑޮލަރު ވިއްކުމަށްޓަކައި އެމްއެމްއޭ އިން ޑޮލަރު ދޫކުރާ ކަމަށާއި އަދި އެމްއެމްއޭ އިން ޑޮލަރު ދޫކުރާ އަދަދަށް ޑޮލަރު ވިއްކަމުންދާ ކަމަށެވެ.

"ބޭންކުން މި ހިދުމަތް ދެމުން މިގެންދަނީ އާންމު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެއްވެސް ފީ އަކާ ނުލައި. ބީއެމްއެލް މެދުވެރިކޮށް މި ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދުންވެސް ދަތުރުވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ދެނީ ހަމައެކަނި މި ބޭންކުން އެކަނިކަން ފާހަގަކުރެވިގެން ދާނެ،" ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅާއި މިއަހަރުގެ ކުރީކޮޅު ޑޮލަރު ލިބުން ދަތިވުމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބުނު ނަމަވެސް މިހާރު އަނެއްކާވެސް ޑޮލަރު ލިބުން ދަތިވެ ޑޮލަރުގެ ކަޅު ބާޒާރު ވަނީ އުފެދިފަ އެވެ. އަދި ކަޅު ބާޒާރުގައި 17 ރުފިޔާއަށް ވެސް ބައެއް ފަރާތްތަކުން ގެންދަނީ ޑޮލަރު ވިއްކަމުން ކަމަށް ޑޮލަރު ހޯދަން ބޭނުންވާ މީހުން ދަނީ ބުނަމުންނެވެ.

މީގެ އިތުރުން ޑޮލަރު ހޯދުމަށް ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ދަނީ ބޭންކްތަކުގައި ކިއު ޖެހެމުންނެވެ.

އެމްއެމްއޭ އިން ޑޮލަރު ވިއްކުމަށް ކަނޑައަޅާފައިވާ އެންމެ މަތީ ރޭޓަކީ 15.42 ރުފިޔާ އެވެ. މިއަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމަކީ ގާނޫނީ ގޮތުން ކުށެކެވެ.