އީދު ފަދަ އުފާވެރި މުނާސަބަތުތަކުގައި ގިނަ ބަޔަކު ޗުއްޓީއަށް ރަށްރަށަށް ފުރައިގެން ދިއުމަކީ ދިވެހިންގެ މެދުގައި ދިރިއުޅުމާ ގުޅިފައިވާ އާދައެކެވެ. ނަމަވެސް މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކަށް މިފަދަ ދުވަސްވަރަކީ އެންމެ ބިޒީ ދުވަސްވަރެވެ. އީދުގެ ކުޅިވަރުތައް ވީހާވެސް ފުރިހަމައަށް ގެނެސްދިނުމަށް މީޑިއާތަކުން ވަރަށް ބުރަ އަދި އެހާމެ ވާދަވެރި މަސައްކަތްތަކެއް ކުރެ އެވެ. އެގޮތުން ވީމީޑިއާ ގުރޫޕުގެ ތަފާތު ވަސީލަތްތައް މެދުވެރިކޮށް އީދުގެ ހަރަކާތްތައް ބެލުންތެރިންނާ ކިޔުންތެރިންނާ އަދި އެހުންތެރިންނަށް ގެނެސް ދިނުމަކީ ވީމީއާ އިންވެސް ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެެވެ. މިކަމަށް ވީމީޑިއާ އިން ކޮންމެ އަހަރަކުވެސް ދުރާލާ ތައްޔާރުވެ އެވެ.

އެހެންކަމުން މިއަހަރުވެސް ވީމީޑިއާގެ އީދު ކަވަރޭޖު ފުރިހަމައަށް ގެނެސްދިނުމަށް މިހާރު މިވަނީ ތައްޔާރުވެފަ އެވެ. "އީދު އުފާ 1437"ގެ ނަމުގައި ވީމީޑިއާގެ އީދު ކަވަރޭޖު ގެނެސްދޭނީ ރ. އަތޮޅު މީދޫގެ ޖަމްޢިއްޔަތުއްޞަލާހާ ގުޅިގެންނެވެ. މިކަވަރޭޖު އިތުރަށް ފުރިހަމަވަނީ ޖަމްޢިއްޔަތުއްޞަލާހްގެ ކުޅިވަރު ހަރަކާތްތަކަށް މީދޫގެ އިރުމަތިއަވަށުގެ އެހީތެރިކަމާ އެއްބާރުލުން ލިބިފައިވާތީ އެވެ.