އީދުގެ މުނާސަބަތު ކުލަގަދަކޮށް ފާަހަގަކުރުމަކީ ދިވެހިންގެ ތާރީހާ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އީދު ފޯރި އެންމެ ގަދަ ރަށްރަށް ބަލައި އެރަށް ރަށަށް ދަތުރުކުރުމަކީ ވެސް ދިވެހިން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ.

މިއަދަކީ މިއަހަރުގެ އަޟްހާ އީދު ދުވަސް ކަމަށްވާއިރު މުޅި ރާއްޖޭގައި މިއަދު ދަނީ ތަފާތު އެކި ކުޅިވަރުތައް ހިނގަމުންނެވެ. އީދު ކުޅިވަރުގައި ރަށަކަށް ދޫކުރާނެ ރަށެއް ނެތެވެ. އުތުރާ ދެކުނުގައި ކުޅިވަރުތައް ހިނގަމުންދާއިރު ބައެއް ކުޅިވަރުތަކަކީ ބައެއް ރަށްރަށަށް ހާއްސަ ކުޅިވަރުތަކެކެވެ.

ބ. ތުޅާދޫ އަކީ އީދު ކުޅިވަރުގައި އަބަދުވެސް ނަން ހިނގާ ފާހަަގަކުރެވޭ ރަށެކެވެ. ތުޅާދޫގައި އީދު ކުޅިވަރުތައް ފެށީ މިއަދު ހެނދުނު ފަތިސް ނަމާދަށްފަހު ކުރިއަށް ގެންދިޔަ އީދު ހުޅުޖެހުމުގެ ހަރަކާތާ އެކު އެވެ.

ތުޅާދޫގައި އެންމެ ގިނަ ކުޅިވަރު ހަރަކާތްތައް އިންތިޒާމް ކުރާ އެރަށު ޓީއެސްއެސްސީގެ މެމްބަރު މުހައްމަދު މުމްތާޒް ވީނިއުސްއާ ވާހަކަ ދައްކަމުން ބުނީ ރޭގެ ފަތިސް ނަމާދަށްފަހު ތުޅާދޫ ބަނދަރު ސަރަހައްދުގައި ބޮޑު ބެރުގެެ ހަރަކާތްތަކާއެކު އީދު ހުޅު ޖަހާފައިވާ ކަމަށެވެ.