ރ. މީދޫ ޖަމްޢިއްޔަތުއްޞަލާހުން އިންތިޒާމުކުރާ މިއަހަރުގެ އަޟްހާ އީދުގެ ކުޅިވަރު ހަރަކާތްތައް ރެއިން ފެށިގެން ކުރިއަށްދާއިރު މުޅި ރަށުންވެސް ފެންނަނީ އެކުވެރިކަމެވެ. ދޭދޭ ފަރުދުންނާ އާއިލާތަކުގެ ބަދަހި ގުޅުމެވެ. ހާއްސަކޮށް މީދޫގެ އިރުމަތި އަވަށުގެ، އަވަށު ފޯރިއާއި ރޫހު ވަރަށް ގަދަ އެވެ. މިގުޅުން އެންމެ ބޮޑަށް ފެނިގެން ދިޔައީ މިއަދު އެރަށުގައި ކުރިއަށް ދިޔަ އީދު ސަލާމާއި އީދު ޖާފަތުގެ ތެރެއިންނެވެ.

އީދު ނަމާދަށް ފަހު ކުދި ބޮޑު އެންމެން އަދި މެހްމާނުންގެ ގޮތުގައި މީދޫއަށް ގޮސް ތިބި އެންމެންވެސް އަވަސްވެގަތީ އެކަކު އަނެކަކާ ސަލާމްކޮށްލާ އީދުގެ ތަހުނިޔާ ކިޔާލުމަށެވެ. އީދު ސަލާމް ކުރަމުން ދިޔައިރު އެންމެންގެ މޫނު މަތިން ވެސް ފެނިގެން ދިޔައީ އުފާވެރިކަމެވެ. އާއިލީ ބަދަހި ގުޅުމެވެ. ސަލާމް ކުރުމުގެ ރިވެތި އާދައާއި އެކަމުގެ މުހިއްމުކަން ކިތަންމެ ރަނގަޅަށްވެސް މީދޫ ރައްޔިތުންގެ އީދު ސަލާމުގެ ތެރެއިން ފެނިގެން ދިޔަ އެވެ. މިއީ ހަމަ މިސާލެއް ފަދަ ގުޅުމެކެވެ.