ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނަކީ އާންމު ގޮތެއްގައި ވަރަށް ޑިމާންޑް ބޮޑު ތަންތަނެެވެ. މާލެއެކޭ އެއްގޮތަށް އަތޮޅު ތެރޭގައި ވެސް މިފަދަ ތަންތަނުގެ ޑިމާންޑް ބޮޑެވެ. އެހެންކަމުން ރެސްޓޯރަންޓް، ކެފޭ ހިންގާ މީހުންގެ މެދުގައި ހިދުމަތް ދިނުމުގައި ވަރަށް ބޮޑު ވާދަވެރިކަމެއް މިވިޔަފާރީގެ ތެރެއިން ފެނިގެންދެ އެވެ. މާލެއާއި ރިސޯޓްތަކުގައި ދުނިޔޭގެ ފެންވަރުގެ ރެސްޓޯރަންޓްތައް، ތަފާތު ކޮންސެޕްޓްތަކުގައި ހިންގި ނަމަވެސް އަތޮޅު ތެރޭގައި މިއީ އަދި އެހާ އާންމު ކަމެއް ނޫނެވެ. މަދު ރަށެއްގައި ފެންވަރު ރަނގަޅު ރެސްޓޯރަންޓެއް ނެތް ކަމަށް ބުނަނީއެއްވެސް ނޫނެވެ.

މިފަދަ އެއް ތަނަކީ ރ. މީދޫގައި ހިންގާ "ބުލޫ ވޭވްސް" ރެސްޓޯރަންޓެވެ. މީދޫ ޖަމްޢިއްޔަތުއްޞަލާހުން ހިންގާ މިތަނަކީ ރެސްޓޯރަންޓް ކެފޭތަކަށް މިއަދު އަންނަމުންދާ ޒަމާނީ ބަދަލުތައް ވަރަށް ފުރިހަމައަށް ދައްކުވައިދޭ ހިތްގައިމު ރެސްޓޯރަންޓެކެވެ. ސޯޝަލް މީޑިއާގައި ވެސް މިތަނުގެ ނަން ވަނީ ހިނގަން ފަށާފަ އެވެ. ބުލޫ ވޭވްސްގެ ރެސްޓޯރަންޓްގެ ފޭސްބުކް ޕޭޖެއް ހަދާފައިވާއިރު އެފްބީގައި ބައެއް މީހުން މިތަނަށް ޗެކިންވެލައި އަދި އެމީހުންގެ ރިވިއު ނުވަަތަ ހިޔާލު ދީފައި އެބަހުއްޓެވެ.