ހއ.ވަށަފަރުން ޝިފްޒާ މުސްތަފާ / ވީނިއުސް
އެއީ މީގެ ފަސްވަރަކަށް އަހަރު ކުރިއެވެ. އަޅުގަނޑަށް މިރަށަށް ޒިޔާރަތްކޮށްލުމުގެ ނަސީބު ލިބުނީ ވަރަށް ޚާއްސަ ކަމަކާ ދިމާކޮށެވެ. އެއީ މީހެއްގެ ހަޔާތުގައި އަންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރާ އެންމެ ޚާއްސަ އެއް ކަންތަކެވެ. އަޅުގަނޑު މިރަށަށް އައީ ކައިވެންޏަކަށެވެ. އޭރު އަޅުގަނޑަކީ މިރަށަށް މުޅިން ބީރައްޓެއްސަކީމެވެ. ރަށާއި ގުޅޭގޮތުން މާބޮޑު އެއްޗެއް ނުވެސް އެނގެއެވެ. ނަމަވެސް ވަށަފަރު މީހުން އުނބަށްޖެހި ވާހަކައަކީ ކުޑައިރުއްސުރެވެސް އިވޭ ވާހަކައަކަށް ވުމުން އެވާހަކަ ކޮންމެވެސް ވަރަކަށް އެނގެއެވެ.
ބުނެވޭގޮތުގައި މިވާހަކަ ފެށެނީ ވަރަށް އިހުޒަމާނުގައި ވަށަފަރުން މަހަށްނިކުމެ އުޅުނު ބަޔަކާއި ހިސާބުންނެވެ. އެމީހުން ދޯނިމަތީގައި ކުރުނބާ ބޮއެފައި އޭގެ އުނބު ދޯނީގެ ފަހަތަށް އުކަމުން ދިޔައެވެ. މިހެންދަނިކޮށް އޭގެ ތެރެއިން އެކަކު ކުރުނބާ ބުއިމަށްފަހު އޭގެ މިރިކޮޅެއް ކައިލި ކަމަށްވެއެވެ. އަދި "މިއީ ހާދަމީރު ރުކެކޭ" "ކުރިރުކެކޭ" އޭނަ ބުނި ކަމަށްވެއެވެ. ނަމަވެސް ދޯނީގައި އޭރު އޮތީ އޭނަގެ އަތުގައި އޮތް އުނބުގަނޑު އެކަންޏެވެ. އެހެން ހުރިހާ އުނބެއް އުކާލީއެވެ. އެހެންކަމުން އެމީހުން ދޯނީގެ ފަހަތަށް އުކާލި އުނބުތައް ނަގަން ހުރިގޮތަށް ފަލިތަކުން ފަހަތަށްޖެހީއެވެ. އަދި އުކާލި ހުރިހާ އުނބެއް އަލުން ނެގީއެވެ. އުނބަށްޖެހުން ކިޔަނީ އުނބު ނަގަން ދޯނި ފަހަތަށް ޖެހި ޖެހުމަށެވެ. އޭގެ ފަހުން މިބަސް ވަނީ ދިވެހި އަދަބިއްޔާތުގެ ތެރެއަށް ވެސް ވަދެފައެވެ. "އުނބަށްޖެހުން" މިބަސް ބޭނުންކޮށް އުޅެނީ ބޭނުންނެތިގެން ދޫކޮށްލާ އެއްޗެއް ނުވަތަ ކަމެއް ފަހުން ބޭނުންވުމަށް ނުވަތަ ބޭނުންކުރުމަށެވެ.
ވަށަފަރާ ގުޅޭގޮތުން އޭރު މާބޮޑަށް ރޯފިލާފައި ނެތް ނަމަވެސް ރަށުގެ ނަލަކަމާއި ހިތްގައިމުކަމުގެ ވާހަކަ "އިންނަންއުޅޭ ކަލޯގެ" ފުށުން އޮތީ ހާސްފަހަރު އިވިފައެވެ. ވާނީވެސް އެހެންތާއެވެ. ކައިވެންޏަށް އަޅުގަނޑު ކުރީ އެންމެ ޝަރުތެއް ވިއްޔާއެވެ. އެއީ މާބޮޑު ހަފުލާއެއް ނުބޭއްވި ނަަމަވެސް "އަނބި ގަބޫލުކޮށްފީމޭ" ބުނާއަޑު އިއްވަންވާނީ މިރާއްޖޭގެ ހިތްގައިމު ގޮނޑުދޮށެއްގައި ބައިންދައިގެން ކަމަށް ކުރި ޝަރުތެވެ. އެހެންކަމުން ކައިވެންޏަށް "އާނބަސް" ބުނި ހިސާބުން ވަށަފަރު ތުނޑީގެ ރީތިކަމުގެ ވާހަކަ އައީ އިވެމުންނެވެ.