ރ. މީދޫއަށް އިއްޔެ ހެނދުނު އިރުއަރައިގެން އައި އިރު ހީވީ އިސްތިއުމާރީ ބާރަކުން އެރަށް ހިފައިގެން އުޅޭހެންނެވެ. ހަތިޔާރާއެކު ގޮނޑުދޮށުގައި ހަރަކާތްތެރިވަމުން ދިޔައީ މުޅިން އެހެން ގައުމަކުން އައިސް ތިބި ހަނގުރާމަވެރިން ތަކެކެވެ. އެމީހުންގެ ހަށިގަނޑުގެ ކުލައާއި ހެނދުން އަޅާފައި ހުރި ގޮތުން ގެންގުޅޭ ތަކެތީގެ ގޮތުން އެކަން ޔަގީންކޮށްދެ އެވެ. މިމަންޒަރުތައް އަލަށް ފެންނަ މީހަކަށް ސިފަވާނީ މިދެންނެވި ގޮތަށެވެ. އެކަމަކު މިއީ ޖަމްޢިއްޔަތުއްޞަލާހުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދާ އަޟްހާ އީދުގެ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ މީދޫ މީހުންގެ ޒަމާނީ ކުޅިވަރެއް ކަމުގައިވާ ނައު ކެނޑުމުގެ ބައެކެވެ.

މިކުޅިވަރު ފެށިގެންދަނީ ވިޔަފާރި މުދާ ހިފައިން އަރަބި ގައުމަކުން މީދޫއަށްދާ ނައު، އެރަށު ބަނދަރަށް ގާތްކުރަން މަސައްކަތް ކުރާ ވަގުތު މީދޫއަށް އަތްގަދަކޮށްގެން ތިބޭ ހަނގުރާމަވެރިން، ވިޔަފާރި ނައު އެރަށަށް ގާތްކުރަން ހުރަސް އަޅާ ހިސާބުންނެވެ. މިހާދިސާ ހިނގަނީ މީދޫ މީހުން ހެނދުނު ނިދާ ހޭލާ ވަގުތު ދިމާވާ ގޮތަށެވެ.