މާލޭމަގުތަކުގެ ފެންވަރުދަށް ވުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުން ބޮޑު ކަންބޮޑުވުމެކެވެ. މިމައްސަލައަށް ހައްލެއް ނުލިބި ގިނަދުވަސްތަކެއް ފާއިތުވިފަހުން ސަރުކާރުން މިވަނީ މިމައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ހާއްސަ މަޝްރޫއެއް ފަށާފަ އެވެ.

މާލޭގެ މަގުތައް އަޑިގުޑަންވެ ހަލާކުވުމުގެ ސަބަބުން ސައިކަލު ކަހާލައިގެންނާއި އެނޫންގޮތް ގޮތުންވެސް މީހުންނަށް އަނިޔާވެ އެވެ. މިފަދަ ކަންކަމުގެ ސަބަބުން އެކަން ވެފައިވަނީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާ އަކަށެވެ. މިމައްސަލަ ހައްލު ކުރެވޭތޯ ކޮންމެ ސަރުކާރަކުންވެސް އައީ މަސައްކަތް ކުރަމުންނެވެ.

މާލޭގެ މަގުތައް ތަރުތީބުކޮށް ތަރައްގީކުރުމުގެ މަޝްރޫއާއި ބޭހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަޟްހާ އީދު ބަންދަށް ފަހު ސަރުކާރު ހުޅުވޭ ދުވަހު، މާލޭގެ މަގުތައް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

މާލޭގެ ޖުމްލަ 11 މަގެއް ހެދުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

އެއީ މާލޭގެ އެންމެ ކާރުބާރު ބޮޑު މަޖީދީ މަގު، އަމީނީ މަގު، އަމީރު އަހްމަދު މަގު، ޗާންދަނީ މަގު، އޯކިޑު މަގު، ލޮނުޒިޔާރަތް މަގު، ހަވީރީ ހިނގުން އަދި މާފަންނު ކޮޅުގައި އޮންނަ، ވާރޭ ވެހުމުން އެންމެ ބޮޑަށް ފެން އުފެދޭ ބައެއް މަގުތައް ކަމުގައިވާ ހަނދުވަރީ ހިނގުން، އިއްޒުއްދީން މަގު، ކަނބާ އައިސާރަނި ހިނގުން އަދި ބުރުޒު މަގެވެ.