ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތަކީ ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއު ކަން ޔަގީނެވެ. ނަމަވެސް މިދުވަސްވަރު ބުރިޖުގެ މަސައްކަތް ކުރިއަށް ނުދާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ބްރިޖްއަކީ ހިޔާޅީ ފޮލައެއް ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ދައްކަމުންދަނީ ދަޅައެއް ކަމަށް ބުނާ މީހުން އަދިވެސް މަދެއް ނޫނެވެ. އެކަމަކު ސަރުކާރުން ވަނީ އެގޮތަށް ދެކެވޭ ވާހަކަތަކަށް ގޮންޖަހައި ބްރިޖްގެ އަމަލީ މަސައްކަތް މިއަހަރުގެ ކުރީކޮޅު ފަށާފަ އެވެ.

ބްރިޖްގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް ވިދާޅުވެ ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި ބްރިޖްގެ މަސައްކަތް ތަވާލުކޮށްފައިވާ ޝެޑިއުލަށް ވުރެ ބާރަށް މިހާރުވެސް ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.