ރާއްޖެގައި ހުރި ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލަކީ އިންދިރާ ގަންދީ މެމޯރިއަލް ހޮސްޕިޓަލް ކަމަށްވީ ނަމަވެސް އެތަނުގެ ހިދުމަތުގެ ފެންވަރު ދައްކަމުގެ ޝަކުވާ ގިނަ ރައްޔިތުން މީގެ ކުރިން ކުރަމުން ގެންދިޔަ އެވެ. މިހާރުވެސް ކޮންމެވެސް ވަރަކަށް އެފަދަ ޝަކުވާތައް ކުރަމުންދާ އަޑުއިވެ އެވެ.

ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް ގެނެސް، އައިޖީއެމްއެޗްއިން ދެމުންގެންދާ ހިދުމަތްތަކަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ތަރައްގީކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް މިހާރު ދަނީ ހިނގަމުންނެވެ.

އައިޖީއެމްއެޗްއަށް ސިއްހީ ހިދުމަތް ހޯދަންދާ ރައްޔިތުންނަށް ފަސޭހައިން ސިއްހީ ހިދުމަތް ލިބޭނެ ގޮތްތައް ފަހިކޮށްދީ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އެކި ސަރުކާރުތަކުން އެކި މަސައްކަތްތައް ކޮށްފައިވެ އެވެ.

ޒަމާނުއްސުރެ އައިޖީއެމްއެޗް އިން ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރާއިމެދު، އާންމުން ސުވާލު އުފެއްދި ނަމަވެސް މިހާރު އައިޖީއެމްއެޗްއިން ދޭ ސިއްހީ ހިދުމަތްތަކަށް ވަނީ ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލުތަކެއް ގެނެވިފަ އެވެ.

ވީނިއުސް އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ އެ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ބަޔަކާ ހަވާލުކޮށްގެން ފަށާފައިވާތީ އެމަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ސަރުކާރުން ބެނުންވާ ގޮތަށް އައިޖީއެމްއެޗް ތަރައްގީކުރުމުގެ މަސައްކަތަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު މަޝްރޫއެއް ފެށިގެން ކުރިއަށް މިދަނީ،" ޜިޝްވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ބޮޑު އިސްކަމެއްދީގެން މިހާރު ކުރަމުން ގެންދަނީ އައިސީޔޫއާއި އޮޕަރޭޝަން ތިއޭޓަރު ނިންމުމުގެ މަސައްކަތް ކަމަށެވެ. އަދި އޮޕަރޭޝަން ތިއޭޓަރު 20 އަހަރަށްފަހު އެއްކޮށް ރޫޅާލާ މަރާމާތު ކުރަންފެށިއިރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ހުރި ކަމަށްވެސް ވިދާޅުވި އެވެ. މިހާރުގެ ޑޮކްޓަރުންނާއި ނަރުހުން ކިޔަވާ ފެންވަރަށް އެތަން ތަރައްގީ ކުރަންޖެހިފައިވާ ކަމަށާއި، އޮޕަރޭޝަން ތިއޭޓަރު ތަރައްގީކުރުމަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހަރަދު ވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.