އިންޑިއާގެ ފިލްމީ ދާއިރާ އޮތީ ކޮންމެ ގައުމެއްގެ ފަންނާނަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައި ކަމަށްވީ ނަމަވެސް އިންޑިއާގައި މިދާއިރާގައި މަސައްކަތްކުރަން ހުއްދަ ދޭނީ ކޮން ބައެއްކަން ކަނޑައަޅާނީ ސަރުކާރުން ކަމަށް އިންޑިއާގެ މަޝްހޫރު އެކްޓާ ސައިފް އަލީ ޚާން ބުނެފި އެވެ.

ސައިފް ވެގެން ގޮސްފައި މިވަނީ އިންޑިއާގެ މަހަރާސްތްރާ ނަވްނިރްމަން ސެނާ (އެމްއެންއެސް) ޕާޓީން އިންޑިއާގައި އުޅޭ ޕާކިސްތާނު އެކްޓަރުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލި ގޮވާލުމާ ދެކޮޅަށް ވާހަކަދެއްކި އެންމެ ފަހުގެ ސެލެބްރިޓީ އަށެވެ.

"ދެ ގައުމު ދެމެދުގައި އޮންނަ ސަގާފީ ގުޅުމަށް ހިތްވަރުދޭން ޖެހޭނެ. ފިލްމު ސިނާއަތު އޮތީ ދުނިޔޭގެ އެންމެހައި ފަންނުވެރިންނަށާއި ހުނަރުވެރިންނަށް ހުޅުވާލެވިފައި. ހާއްސަކޮށް ބޯޑަރުގެ އަނެއް ފަރާތަށް [ޕާކިސްތާނަށް]. އެކަމަކު ސަރުކާރުން މިކަންކަން ނިންމަން ޖެހޭނީ [ބޮލީވުޑްގައި ހަރަކާތްތެރިވެވޭނީ ކޮންބައެއްކަން]. އަހަރުމެންނަކީ އާޓިސްޓުން. އަހަރުމެން ދައްކާނީ ލޯތްބާއި ސުލްހައިގެ ވާހަކަ. އެކަމަކު މިތާންގައި މަސައްކަތްކުރެވޭނީ ކޮންބަޔަކަށް ކަމާއި ނުކުރެވޭނީ ކޮންބަޔަކަށް ކަން ކަނޑައަޅާނެ ގާނޫނުތަކާއި އެނިންމުންތައް ނިންމަން ޖެހޭނީ ސަރުކާރުން،" މުމްބާއީގައި އޮތް ޖީކިއު އަހަރުގެ ފިރިހެން ޝަޚުސިއްޔަތު އެވޯޑްގައި އަންގާރަ ދުވަހު ވާހަކަ ދައްކަމުން އުމުރުން 46 އަހަރުގެ ސައިފް ބުންޏެވެ.

ކަޝްމީރުގައި އިންޑިއާގެ ބާރުގެ ދަށުގައި އޮތް ރަށެއް ކަމަށްވާ އޫރީގައި ހަތިޔާރު އެޅި ބަޔަކު މިދިޔަ ހަފްތާގައި އިންޑިއާގެ ސިފައިންގެ މަރުކަޒަކަށް ހަމަލާދީ އިންޑިއާ ސިފައިންގެ 19 މީހަކު މަރާލުމާ ގުޅިގެން އެމްއެސްއެން ޕާޓީން ވަނީ އިންޑިއާގައި އުޅޭ ޕާކިސްތާނުގެ ހުރިހާ އެކްޓަރުން އިންޑިއާ އިން ބޭރުވުމަށް އިންޒާރު ދީފަ އެވެ.

އެޕާޓީން ދިން އިންޒާރުގައި ބުނެފައިވަނީ ޕާކިސްތާނުގެ އެކްޓަރުން އިންޑިއާ އިން ނުގޮސްފި ނަމަ، އެމީހުން ކުޅެމުންދާ ފިލްމުތައް ނިންމިޔަ ނުދޭނެ ކަމަށާއި ޕާކިސްތާނުގެ އެކްޓަރުންނަށް ބޮލީވުޑްގެ ފިލްމުތަކުން ކުރިއަށް އޮތް ތާންގައި ފުރުސަތު ލިބުނަވެސް ނުދޭނެ ކަމަށެވެ.

ކަރަން ޖޯހަރް، ހަންސަލް މެހްތާ، އަނޫރާގް ކަޝްޔަޕް، ވަރުން ދަވަން، ރާކޭޝް އޮމްޕްރަކާޝް މެހްރާ ފަދަ ބޮލީވުޑްގެ މަޝްހޫރު ތަރިން ވެސް ވަނީ ޕާކިސްތާނުގެ އާޓިސްޓުން އިންޑިއާގައި މަސައްކަތްކުރުމާ ދެކޮޅަށް ދެކެވޭ ވާހަކަތަކާ ދެކޮޅަށް އަޑުއުފުލާފަ އެވެ.