ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކުން ނެގުމަށް ގާނޫނުން ލަޒިމްކުރާ ގްރީން ޓެކްސް ނަގަން ފަށައިފި އެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނަށް މިދިޔަ ޖޫން މަހުގެ ފަހުކޮޅު ގެނައި އިސްލާހުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ތިން ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނެގޭނެ ކަމަށެވެ.

ގާނޫނަށް ގެނައި އިސްލާހު ބުނާ ގޮތުން ގްރީން ޓެކްސް ނަގަން ޖެހޭނީ 2016 އޮކްޓޫބަރު އެއްވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން މިރޭ ދަންވަރު 12:00 އިން ފެށިގެން ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގަން ވަނީ ފަށާފަ އެވެ.

ޓޫރިސްޓު ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން ސަފާރީތަކުން މިހާރުވެސް އަންނަނީ ގްރީން ޓެކްސްގެ ގޮތުގައި ކޮންމެ ދުވަހަކު ބޮލަކަށް ހަ ޑޮލަރު ނަގަމުންނެވެ. އެހެންނަމަވެސް ގެސްޓްހައުސްތައް މިހާތަނަށް އޮތީ މި ޓެކްސްއިން އިސްތިސްނާ ކުރެވިފަ އެވެ.

ޓޫރިޒަމް ގާނޫނަށް ސަރުކާރު ހިންގާ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކުގެ އިސްލާހުގައި ހުށަހަޅާފައިވަނީ ގްރީން ޓެކްސްގެ ގޮތުގައި ބޮލަކަށް ހަ ޑޮލަރު ނެގުމަށް ނަމަވެސް ކޮމިޓީ މަރުހަލާގައި އެ އަދަދު ވަނީ ދެބައި ކުޅަ އެއްބައި ކުޑަކޮށް، ތިން ޑޮލަރަށް ހަމަޖައްސާފަ އެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދިން ފަހުން ރާއްޖޭގެ ގިނަ ރަށްރަށުގައި ގިނަ އަދަދެއްގެ ގެސްޓްހައުސް ދަނީ ހިންގަމުންނެވެ.