އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަންއަށް ބިރު ދެއްކުމަށްފަހު 10 މިލިއަނެއްހާ ޑޮލަރުގެ އަގުހުރި ގަހަނާތަކެއް ފޭރިގެންފި އެވެ.

މިކަމެއް ހިނގާފައިވަނީ ފްރާންސް ވެެރިރަށް ޕެރިހުގައި ކިމް ހުންނަ ހޮޓެލްގެ ކޮޓަރީގައި އޭނާ ހުއްޓަ އެވެ.

ފޭރުނު މީހުން ކިމްގެ އަތުން ގެންދިޔައީ ހަތަރު މިލިއަން ޑޮލަރުގެ އަނގޮޓިއަކާއި ހަ މިލިއަން ޑޮލަރުގެ ފަށެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކިމް ޕެރިހަށް ގޮސްގެން އުޅެނީ އޭނާގެ ފިރިމީހާ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓްގެ ކޮންސެޓަކާއި ޕެރިހުގެ ފެޝަން ވީކްގައި ބައިވެރިވުމަށެވެ.

ކިމް އަތުން ފޭރުނީ ފުލުހުންނަށް ވެގެން ބަޑިހިފައިގެން ތިބި ބަޔަކު ކިމްގެ ކޮޓަރިއަށް ވަނުމަށްފަހު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މިހާދިސާގައި ފޭރުނު މީހުން ކިމްއަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ދީފައެއް ނުވެ އެވެ. ނަމަވެސް އޭނާއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ކިމްގެ އާއިލާ އިން ބުނެ އެެވެ.

މިހާދިސާ ހިނގިއިރު ކަންޔޭ ހުރީ ކޮންސެޓްގައި ލަވަ ހުށަހަޅައިދިނުމަށެވެ. ނަމަވެސް މިހަބަރު ލިބުމާއެކު ކަންޔޭ ވަނީ އާއިލާއަށް ކުއްލި ހާލަތެއް ދިމާވެގެން ކަމަށް ބުނެ ކޮންސެޓް ދޫކޮށް ވަގުތުން ކިމްގެ ގާތަށް ގޮސްފަ އެވެ.

މިދިޔަ ހަފްތާގައި ވެސް ޒުވާނަކު ވަނީ ކިމްއަށް ހަމަލާދޭން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ޒުވާނާ ފަހުން ބުނީ އޭނާ މަސައްކަތް ކުރީ ހަމަލާދޭން ނޫން ކަމަށާއި އޭނާ ބޭނުންވީ އިންސާނުންނަށް ގެއްލުން ލިބޭ ގޮތަށް ހަދާފައި ހުންނަ ކޮސްމެޓިކްސްގެ ބާވަތްތައް ކިމްގެ އާއިލާ އިން ޕްރޮމޯޓްކުރާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ކަމަށެވެެ.