ސަރުކާރުން ކާޑުގެ ބާވަތްތަކަށް އެސްޓީއޯ އަށް ސަބްސިޑީ ދިނުމުގެ އުސޫލަށް ގެނައި ބަދަލާއެކު ކާޑުގެ ބާވަތްތައް މިވަގުތު އަގުބޮޑުވެފައިވީ ނަަަމަވެސް ކާޑުގެ އަގަށް ވަރަށް އަވަހަށް ހެޔޮ ބަދަލެއް ގެންނާނެ ކަމުގައި އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯގެ ފަރާތުން މިކަން ހާމަކުރެއްވީ ސަބްސިޑީ ދިނުމުގެ އުސޫލަށް ގެނައި ބަދަލާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަހީރު އެވެ.

ޝަހީރު ވިދާޅުވީ ކާޑުގެ ބާވަތްތައް އެތެރެކުރުމަށް މިހާރު ކުރަމުންދާ ހަރަދުތައް ކުޑަކޮށްގެން ކާޑު ވިއްކާ އަގަށް ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާއި މަޝްވަރާކުރުމަށްފަހު މިކަމުގައި ވަަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ދެން ގެންނަ ކާޑުގެ ޝިޕްމަންޓާއެކު އަގުތައް ކުޑަކުރެވޭތޯ އަޅުަގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" ޝަހީރު ވިދާޅުވި އެވެ.

ޝަހީރު މިއަދުވެސް ވިދާޅުވީ އެސްޓީއޯ އިން ކާޑުގެ ބާވަތްތައް ވިއްކަނީ ސަރުކާރުން ކަނޑައަޅާފައި އޮންނަ ރޭޓެއްގައި ކަމަށެވެ. ކާޑުގެ ބާވަތްތައް އެސްޓީއޯ އިން ވިއްކަނީ އެއްވެސް އިރެއްގައި ފައިދާ ލާފައި ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ސަބްސިޑީ ދިނުމުގެ އުސޫލަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެނައި ބަދަލާއި ގުޅިގެން ކާޑުގެ އަގުތައް ވަނީ ބޮޑުވެފަ އެވެ. އެގޮތުން ކުރިން 3.98 ރުފިޔާއަށް ގަނެފައިވާ ހަނޑޫ ކިލޯއެއްގެ އަގު 7.96 ރުފިޔާއަށް، ކުރިން 4.50 ރުފިޔާއަށް ގަނެފައިވާ ހަކުރު ކިލޯއެއްގެ އަގު 8 ރުފިޔާއަށް އަދި ކުރިން 3.50 ރުފިޔާއަށް ގަނެފައިވާ ފުށް ކިލޯއެއްގެ އަގު 5.96 ރުފިޔާއަށް ވަނީ ބޮޑުވެގެން ގޮސްފަ އެވެ. މިއީ މާލޭގައި ކާޑުގެ ބާވަތްތައް ވިއްކާ އަގަށްވާއިރު އަތޮޅު ތެރޭގައި ކާޑުގެ ބާވަތްތައް ގަންނަން ލިބޭ އަގު މިއަށް ވުރެ ވެސް ބޮޑުވާނެ އެވެ.

ސަބްސިޑީ ދިނުމުގެ އުސޫލަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުން ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ނަމަވެސް ސަރުކާރުގެ މިނިންމުން ދިފާއުކުރައްވާ ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ގެންދަނީ ވާހަކަދައްކަވަމުންނެވެ.