މިފްކޯގެ ހިންގުމާއި އެސްޓީއޯއިން ހަވާލުވިޔަސް އެސްޓީއޯގެ ހިއްސާދާރުން ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯގެ މައި އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަހީރު މިއަދު ވިދާޅުވީ މިފްކޯގެ ހިންގުމާއި ހަވާލުވުމަށްފަހު މިފްކޯ ވެސް ހިންގަމުން ގެންދާނީ ސަބްސިޑަރީ ވަކި ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ. އަދި މިފްކޯއަށް މިހާރު ކުރިމަތިވެފައިވާ މާލީ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުން ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ އެކަމުގެ ސަބަބުން އެސްޓީއޯއަށް ލިބޭނެ މާލީ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށާއި މިފްކޯ ކޮޅަށް ޖެހުމުގެ ގާބިލުކަން ލިބިފައިވާ ވަރަށް ވަރުގަދަ ޓީމެއް އެސްޓީއޯގައި އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރުން މިގެނައި ބަދަލަކީ މިފްކޯއަށްވެސް އަދި އެސްޓީއޯއަށް ވެސް ވަރަށް ރަނގަޅު ބަދަލެއް ކަމަށް ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފްކޯއަކީ ކުރިން އެސްޓީއޯގެ އެކްސްޕޯޓް ޑިޕާޓްމަންޓް ކަމަށާއި، މިގެނެވުނު ބަދަލާއިއެކުވެސް އެތައް ގޮތަކުން އެސްޓީއޯއަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

ޝަހީރު ވިދާޅުވީ އެސްޓީއޯއަށް ވަރަށް ގިނަ އަދަދަކަށް ބޭރު ފައިސާ ބޭނުންވާ ކަމަށާއި އެކުންފުނީގެ ދަށަށް މިފްކޯ ގެނައުމުން އެކަމަށް ރަނގަޅު ކުރިއެރުމެއްވެސް ލިބޭނެ ކަމަށެވެ. އަދި ރަށްތަކަށް ތެޔޮ އުފުލުން ފަދަ ކަންކަމުގައިވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށާއި މަސް ބަރުކޮށްގެން ބޭރަށް ދާ ބޯޓުފަހަރުގައި އެސްޓީއޯގެ މުދާ ގެނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރަށް ޝަހީރު ވިދާޅުވީ މިފްކޯގެ ބޯޓުފަހަރުގައި އަތޮޅުތަކަށް މުދާ ފޮނުވޭނެ ކަމަށާއި މިފަދަ އެތައް ގިނަ ކުރިއެރުންތަކެއް މި ބަދަލުގެ ސަބަބުން އެސްޓީއޯއަށް ލިބޭނެ ކަމަށެވެ.

"އެހެންވީމަ މިބަދަލާއި ގުޅިގެން އެސްޓީއޯގެ އެއްވެސް ހިއްސާދާރަކަށް އެއްވެސް ގެއްލުމެއް ލިބިދާނެ ކަމާއިމެދަކު ކަންބޮޑެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ޝަހީރު ވިދާޅުވީ މި ބަދަލާއެކު ސަރުކާރާއި ގުޅިގެން މިފްކޯގެ މާލީ މައްސަލަތައް ހައްލުކޮށް، މިފްކޯއަކީވެސް ފައިދާވާ ކުންފުންޏަކަށް ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މިފްކޯ އަކީ 1993ގެ އަހަރުތަކުގެ ކުރީކޮޅު އޭރުގެ މަސް ކުންފުނި އެފްޕީއައިޑީގެ ނަން ބަދަލުކޮށް، އުފެއްދި ދަރަންޏަށް ޒިންމާވާ ވަކި ކުންފުންޏެކެވެ. އޭގެ ކުރިން އެފްޕީއައިޑީ ހިންގަމުން އައީ ވެސް އެސްޓީއޯގެ ދަށުންނެވެ.