މޯލްޑިވް ގޭހަށް އެކި ގޮތްގޮތަށް ހިދުމަތް ކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް އެ ކުންފުނީގެ 17 ވަނަ އަހަރީ ދުވަސް މިރޭ ފާހަގަކޮށްފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވް ގޭހުގައި ހިއްސާ އޮންނަ މައި ކުންފުނި، އެސްޓީއޯ އާއި މޯލްޑިވް ގޭހުގެ 10 ޕަސެންޓް ހިއްސާ އޮންނަ ޗަމްޕާ ގޭސް އެންޑް އޮއިލްގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

މޯލްޑިވް ގޭހުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއެކު ބޭއްވި މިރަސްމިއްޔާތުގައި އެ ކުންފުނި އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި ޗަމްޕާ ވިޔަފާރީގެ ހިއްސާ އޮންނަ ބޭފުޅެއް ކަމަށްވާ އަބްދުﷲ ސަލީމް އަބްދުއްސައްތާރާއި އެސްޓީއޯގެ މިހާރުގެ އެމްޑީ އަހުމަދު ޝަހީރުއަށް "ސްޕެޝަލް ޓްރިބިއުޓް" އެވޯޑު ދީފައިވެ އެވެ. މިދެ ބޭފުޅުންގެ ތެރެއިން ޝަހީރުއަކީ އެސްޓީއޯ ގޭސް އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެެއް ބޭފުޅާ އެވެ. އެ ދުވަސްވަރު އެސްޓީއޯގެ ޗެއާމަން ކަމުގައި ހުންނެވީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އެވެ.

މޯލްޑިވް ގޭހުގެ ރަސްމިއްޔާތުގައި އެ ކުންފުންޏަށް މިދިޔަ އަހަރު ވިޔަފާރީގެ ގޮތުން އެންމެ ބޮޑަށް ހިދުމަތް ކުރި ވިޔަފާރިތަކުގެ އަގު ވެސް ވަޒަން ކޮށްފައިވެ އެވެ. މިގޮތުން "ޓޮޕް ކަސްޓަމާސް" އެވޯޑު ލިބުނީ ބެލް މެރިން ސާވިސަސް އަށެވެ.

މިރަސްމިއްޔާތުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ވިދާޅުވީ މޯލްޑިވް ގޭހަށް ލިބޭ ކޮންމެ ކާމިޔާބެއް ލިބެނީ މުވައްޒަފުންގެ ސަބަބުން ކަމަށެވެ. އަދި އެންމެ ބޮޑު އެސެޓަކީ މުވައްޒަފުން ކަމަށާއި ރެއާއި ދުވާލު އެމީހުން ކުރާ ބުރަ މަސައްކަތަށް ހައްގު އުޖޫރައިގެ އިތުރުން މުވައްޒަފުންގެ ކަންކަން ރަނގަޅުކުރުމަށް އެމީހުންނަށް ބޯނަސް ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި މުވައްޒަފުން ކުރާ އަގުހުރި މަަސއްކަތަށް ޝުކުރު އަދާ ކުރާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ކޮންމެ މުވައްޒަފަކީވެސް ތައުލީމާއި ތަމްރީނު ބޭނުންވާ ބަޔަކަށް ވުމުން ތައުލީމާއި ތަމްރީނުގެ ފުރުސަތުތަށް ހުރިހާ މުވައްޒަފުންނަށް ހުޅުވާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ގޭސް ބޭނުންކުރާ ރާއްޖޭގެ އާބާދީގެ 60 އަށްވުރެ ބޮޑު ޕަސެންޓަކަށް ހިދުމަތް ދޭ މޯލްޑިވް ގޭހުގައި މަސައްކަތް ކުރާ 68 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ.