ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމުގައިވާ ޗައިނާ މެޝިނަރީ އެންޑް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އިން މާލެ އަތޮޅު ތިން ފަޅެއް ހިއްކައިން ރިސޯޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ފަށައިފި އެވެ.

ވިޔަފާރިއާއި އިގްތީސޯދީ މައުލޫމާތު ގެނެސްދޭ ދުނިޔޭގެ ބައެއް ވެބްސައިޓްތަކުގައި މިމަޝްރޫއާ ގުޅޭ މައުލޫމާތު ހާމަކޮށްފައިވީ ނަމަވެސް ދިވެހި ސަރުކާރުން މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް މީގެ ކުރިން ހާމަކޮށްފައެއް ނުވެ އެވެ. އެހެންކަމުން ސީއެމްއީސީ އިން ރާއްޖޭގައި ރިސޯޓް ހަދަނީ ކޮން އުސޫލަކުން ކިހިނެއް ކަން ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. އެކަމަކު ތ. ކަޅުފަހަލަފުށީގައި ރިސޯޓެއް ތަަރައްގީކުރަން ސީއެމްއީސީއަށް އެރަށް ކުއްޔަށް ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ބުނެފައިވެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސީއެމްއީސީ އިން މާލޭ އަތޮޅުގައި ތިން ފަޅު ހިއްކައިގެން ރިސޯޓް ހަދަނީ ސްރީލަންކާގެ އެލްއޯއެލްސީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޕާމް ގާޑެން ހޮޓެލްސްއާ ގުޅިގެންނެވެ.

މި ތިން ފަޅު ހިއްކަނީ ނެދަލޭންޑްސް ކުންފުންޏަކުންނެވެ. މިހާތަނަށް 30.5 އޭކަރުގެ ބިން ހިއްކާފައިވާއިރު ޖުމްލަ 75 އޭކަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

މާލެ އަތޮޅުގެ އުތުރުގައި ތަރައްގީކުރާ މި ތިން ރިސޯޓްގައި ޖުމްލަ 470 ރޫމް ހުންނާނެ ކަމަށްވެ އެވެ. ފައިވް ސްޓާގެ ފެންވަރުގައި ހަދާ އެއް ރިސޯޓްގައި 120 ރޫމް އަދި އަނެއް ދެ ރިސޯޓްގައި ހުންނަ ރޫމް ތަކުގެ އަދަދު 350 އަށް އަރާނެ ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެެ. އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ގިނަވެެގެން 40 މިނެޓުން މި ރިސޯޓްތަކަށް ދެވޭނެ ކަމަށްވެ އެވެ.

މި ތިން ފަޅު ތަރައްގީކޮށްގެން ރިސޯޓް ހެދުމަށް 110 މިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ނިންމާފައިވާ ކަމަށާއި 2018 ވަނަ އަހަރުގެ ތެރޭގައި މި ތިން ރިސޯޓް ވެސް ނިމެނޭ ކަމަށް ނޫސްތަކުގައިވެ އެވެ.

ސީއެމްއީސީ އަކީ ހުޅުމާލެ އާއި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ހައުސިން ޔުނިޓްތަކެއްގެ މަސައްކަތް މިހާރު ވެސް ކުރަމުން ގެންދާ ކުންފުންޏެކެވެ.